ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަމެއް ނުލިބޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު"އާ ބެހޭ ގޮތުން މިއަދުގެ ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ، ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނާނެ މީހެއް ނޫން ކަމަށާއި އޭނާއަކީ މާތްﷲ އަންގަވާފައިވާ ފަދައިން އެކަލާނގެ ހަޒްރަތަށް އަވަހަށް އެނބުރި ގޮސް އިސްތިގުފާރުކޮށް މާފު ކުރެއްވުމަށް އެދި ދަންނަވާ މީހާ ކަމަށެވެ.
ހުތުބާގައި ބުނީ ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ތައުބާވުން ވާޖިބުވެގެންވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ މާތްﷲގެ އުގޫބާތުން ރައްކާތެރިވުމަށްޓަކައި ކަމަށާއި ދެވަނަ ކަމަކީ އޭނާގެ އަމަލުތައް މާތްﷲ ގަބޫލުކުރައްވަވާ އަމަލުތަކަށް ހެދުމަށްޓަކައި ކަމަށް ބުންޏެވެ. އަދި ތިން ވަނަ ކަމަކީ ސޯލިހު އަމަލުުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށްޓަކައެވެ.
މީހެއްގެ ހިތުގައި ﷲ އަށް ބިރުވެތިވުން އަށަގެންފައިވާނަމަ، އޭނާ އެކަލާނގެ މަނާކުރައްވާފައިވާ ކަމަކަށް އަރައި ނުގަންނާނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަސްފުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުއާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކު ހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ"
ހުތުބާގައި ބުނީ، ތައުބާވުން ލަސްކުރުމަކީ ޝައިނާތާގެ ވަސްވާހުގެތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ތައުބާވުން ލަސްކޮށްފިނަމަ ސަލާމަތްތެރިކަން ނުލިބޭނެ ކަމަށެވެ.
"މާތް ﷲ ގެ އަޅުތަކުންނޭވެ! އާދަމުގެ ދަރިޔާގެ ވަށައިގެން އެތައް ދުޝްމަނުންނެއް ވެއެވެ. މި ދުޝްމަނުން އޭނާގެ ހަޑިހުތުރު އަމަލުތައް އޭނާއަށް ޒީނަތްތެރިކޮށްދެއެވެ. އަދި ރިވެތި އަމަލުތައް ހުތުރުކޮށްދެއެވެ. މިބައިމީހުން ﷲގެ އަޅުންނަށް ޝަހުވަތްތަކަށް ގޮވައިލައެވެ. ނުބައިވެގެންވާ އަމަލުތަކުގެ ދަލުގައި ޖައްސަން މަސައްކަތްކުރެއެވެ. މިފަދަ ދަޅަތަކަށް ހެއްލުންތެރިވެގެން އުހްރަވީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ." ހުތުބާގައި ބުންޏެވެ.
މާތްﷲ ވަހީކުރެއްވި، ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ނުބައި ކަންތައްތައް ކޮށްކޮށް ތިއްބާ އެއިން މީހެއްގެ ގާތަށް މަރު އައިސް ހާޒިރުވެއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާ ވެެއްޖައީމޭ ބުނާ މީހުންނާއި ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއް ނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި އަޒާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ"
ހުތުބާ ނިންމާލަމުން ވަނީ ތައުބާގެ ދޮރު އަޅުތަކުންނަށް ﷲ ހުޅުވައިދެއްވައިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު، ރޭގަނޑުގެ ވަގުތުތަކުގައި ހުޅުވައިދެއްވާ ކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ކުށް ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު ދުވާލުގެ ވަގުތުތަކުގައި ހުޅުވައިދެއްވާ ކަމަށް ހުތުބާގައި ބުންޏެވެ.