ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް" ބާއްވައި 10 މަދަނީ ޖަމިއްޔާއަކަށް އެވޯޑް ދީފިއެވެ.
ސިވިލް ސޮސައިޓީ އެވޯޑްސްއަކީ ޖަމިއްޔާތަކުން ހިލޭ ސާބަހަށް ކުރާ ބުރަ އަދި މުހިންމު މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހިތްވަރުދީ އަދި އަގުވަޒަން ކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ތައާރަފު ކުރި އެވޯޑެކެވެ.
އެ އެވޯޑު ދިނުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އެވޯޑް ލިބުނު ފަރާތްތަަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުއެވެ.
އެ އެވޯޑު ދީފައިވަނީ ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ހަ ޖަމިއްޔާއަކަށް އަދި ސްޕެޝަލް ރެކޮގްނިޝަންް ޖަމިއްޔާގެ ގޮތުގައި ފާހަގަކޮށްލެވުނު ހަތަރު ޖަމިއްޔާއަކަށެވެ. އެވޯޑު ލިބުނު ޖަމިއްޔާތަކުގެ ތެރޭގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޖަމިއްޔާތަށްވެސް ހިމެނެއެވެ.
ސިވިލް ސޮސައިޓީ އެވޯޑްސް ލިބުނު ޖަމިއްޔާތަކުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި ރަށު ތަރައްގީއަށް އެކި މަސައްކަތް ކުރުން، ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުން އަދި އަންހެނުން ބާރުވެރިކުރަން މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނެއެވެ.