ހުރިހާ މަސައްކަތެއް މިކުރަނީ ވަރުގަދަ ޖީލެއް އުފެއްދުމަށް ކަމަށާއި ތައުލީމު ވަރުގަދަކުރުމަށް ވުރެ ބޭނުންތެރި އެހެން އެއްވެސް ކަމެއް ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކާށިދޫ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، ދަރިވަރުންނަކީ ސުކޫލު ނިމި މުޖުތަމައަށް ނުކުންނައިރު ދިރިއުޅުމަށް އަހުލުވެރި މަސައްކަތައް އަހުލުވެރި ރަނގަޅަށް އުޅެން އެނގޭ ބަޔަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރައްވައި ދިވެހިރާއްޖޭގައި ތައުލީމު ކުރިއެރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސްކޫލުތަކާއި އެޑިއުކޭޝަން މިނިސްޓްރީއާ ވަރަށް ގާތްގުޅުމެއް ބާއްވަން ޖެހޭ ކަމަށެވެ. އަދި ސުކޫލުތަކަށް ދިމާވާ ދަތިތައް ހައްލުނުވެ ދިގު މުއްދަތަކަށް އެކަންކަން ތަހައްމަލުކުރަން ނުޖެހޭ ގޮތަށް ރަނގަޅަށް ކަންތައްތައް ބެލެންވެސް ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ތައުލީމީ ނިޒާމަކީ ރައްޓެހި ނިޒާމަކަށް ބަދަލުކޮށް މުޅި ރާއްޖެ ފަހުރުވެރިވާ ފަދަ ނަތީޖާއެއް ނެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މިއަދަކީ އޯޓިޒަމް އެވެއަރނެސް ދުވަސް ކަމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެންމެން އެކުގައި މަސައްކަތްކޮށް އެކަކު އަނެކަކަށް ހިތްވަރުދީ އެހީތެރިވެދީގެން، ވަކިން ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ އެންމެ ލޯބިވާ އެންމެ އަޅާލުން ލިބިގެން މުޖުތަމައުގައި އެންމެންނާ އެކުގައި އުޅެވޭނެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި ސުކޫލުގެ މާހައުލުން ބޭރުގައިވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވައިފައެވެ.