ޚަބަރު

ޑެސްފަރަލް ހުސްވި މައްސަލަ އެމްއެންޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި

މުހައްމަދު އިޝާން

ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލް ކުރުމަށް ގުޅާ ޑެސްފަރަލް ރާއްޖެއިން ހުސްވި މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެމްއެންޕީގެ ރައީސް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ސޮއިކުރައްވައި މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ ޑެސްފަރަލް ހުސްވުމުގައި ސަރުކާރުގެ އިހުމާލެއްވާ ކަމަށާއި އެކަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާނުކުރާ މިންވަރު ބަލާ ކޮމިޓީން ބަލައި ދިނުމަށް އެދޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ޑެސްފަރަލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިން އަދި އެ ކުދިންގެ އާއިލާ އިން ކުރަމުންދާކަން އެމްއެންޕީގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަމާ ގުޅޭ މައުލޫމާތު ހޯދުމުން، ރާއްޖޭގައި ހުރި ޑެސްފަރަލްގެ ސްޓޮކް މިދިޔަ މެއި މަހުގެ ތެރޭގައި ހުސްވެފައިވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

"ޑެސްފަރަލް އަކީ ތެލެސީމިއާ ބަލިކުދިންނަށް ވަގުތުން ވަގުތަށް ލިބެން ހުރުން ކޮންމެހެން ބޭނުންވާ ބޭހަކަށްވާތީ، މި ފަދައިން ޑެސްފަރަލް ހުސްވެ، ނުލިބޭ ހާލަތަކަށް ނުދާނޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ. އެހެންކަމުން އެމްއެންޕީއިން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި އެދިފައިވަނީ ވީ އެންމެ އަވަސް ފުރުސަތެއްގައި ޑެސްފަރަލް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން މިކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަަޅުއްވައިދެއްވުމަށެވެ. އަދި ޑެސްފަރަލް ހުސްވެ ނުލިބެން ދިމާވި މައްސަލަ ބަލައި ފިޔަވަޅު އަޅުއްވައިދެއްވުމަށްވެސް އެމްއެންޕީއިން އެދިފައި ވެއެވެ" ނާޒިމް ވިދާޅުވިއެވެ.

ޑެސްފަރަލް ހުސްވި މައްސަލައިގައި، މީޑިއާތަކުން ހެލްތު މިނިސްޓްރީ އަދި ނެޝަނަލް ތެލެސީމިއާ ސެންޓަރާ ކުރިމަތި ކުރުވި ސުވާލުތަކަށް އެ އިދާރާތަކުން ޖަވާބެއް ދީފައިނުވުމަކީ ސަރުކާރުގެ އިހުމާލު އޮތްކަން ދައްކައިދޭ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.