ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާމްދަނީ ނުލިބޭ ފަރާތްތަކަށް އާމްދަނީ ލިބެންދެން ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ: ރައީސް

އަހުމަދު ޖައިޝަން

އެއްވެސް އާމްދަނީއެއް ނުލިބި ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އާމްދަނީއެއް ލިބެންދެން ހިލޭ ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ "އެޖެންޑާ 19 - މުޅި ހެންވޭރު އެކުގައި ތިލަފަތަށް" ނަމުގައި އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ލިބޭ އާމްދަނީން ކުލި ދެކޮޅު ނުޖެހޭ ފަރާތްތަކަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފްލެޓް ގަނެވޭނެ ގޮތް ހަދައިދީ އެ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން އަދި ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. އެކަންތައް ހައްލު ނުވެ ފަސޭހަ ދިރިއުޅުމެއް އުޅެވޭކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ލިބޭ އާމްދަނީ ހުސްކޮށްލަން މިޖެހެނީ ތަނުގެ ކުއްޔަށް. އެހެންވީމާ ފަސޭހަ، ލުއި ގޮތެއްގައި ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ހޯދަން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހަރަދުތަކެއް ކޮށްފައި ހުރި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ގެރެންޓީ ދީގެން ހުޅުމާލޭގައި ހަދާ ފްލެޓްތަކަކީ އިންސާނުން އުޅުމަށް ކަމުދާ ގޮތަށް ހަދާފައިވާ ފްލެޓްތަކެއް ނޫން ކަމަށެވެ.

"500 އަކަފޫޓުގެ ތެރޭގައި 300 ކޮޓަރީގެ އެޕާޓްމެންޓެއް ހަދާއިރުގައި ކޮޓަރިއެއްގެ ބޮޑުމިނަކީ އަށްފޫޓު ނުވަފޫޓު. މިތާ އެތެރެއަށް އެނދެއް ލުމަށްފަހުގައި ދެން ނެތް އަލަމާރިއެއް ބަހައްޓާނެ ތަނެއް،" އެމަނިކުފާނު ވިދާޅުވިއެވެ.