ޚަބަރު

241 ކޮމިޓީންއެދިއްޖެ ހާލާތެއްގައި ރައީސްގެ ސިޓީފުޅު ހިއްސާ ކުރައްވާނެ: މިއުވާން

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އެދިއްޖެ ހާލާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އެ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅާބެހޭގޮތުން ކުރި ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ، "241 ކޮމިޓީން އެދިއްޖެ ހާލަތެއްގައި އެ ސިޓީފުޅު ހިއްސާ ކުރައްވާނެ، އެހެންނަމަވެސް އާއްމު ގޮތެއްގައި ދެ ގައުމުގެ ވެރިންގެ މެދުގައި ބަދަލު ކުރެވޭ މައުލޫމާތުތަކާއި، ސިޓީފުޅުތަކަކީ އާއްމުކުރާ އެއްޗެއްނޫން، ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ކުރާ ގޮތެއްނޫން އެއީ މީގެކުރިން ރާއްޖޭގައިވެސް،"

މިއުވާން ވިދާޅުވީ، އެފަދަ ސިޓީތައް އާއްމު ކުރުމަކީ އާއްމުކޮށް ކުރާކަމެއްކަން ދެއްކުމަށްޓަކައި، އެ ސިޓީފުޅުގެ ވާހަކަދައްކަވާ ބޭފުޅުން މަސައްކަތް ކުރެއްވިނަމަވެސް އެއީ ހަމަބުއްދިން ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށެވެ. "ގައުމުތަކުގެ ދޭދޭ ލީޑަރުންގެ މެދުގައި ބަދަލު ކުރެވޭ ކޮރެސްޕޮންޑެންތަކަކީ އޭގެ ސިއްރު ހިފެހެއްޓޭ އެއްޗެއް، އެހެންނަމަވެސް މަޖިލީހުގެ 241 ކޮމިޓީން އެކަމަށް އެދިއްޖެނަމަ އެ ސިޓީ ހިއްސާކުރައްވާނެ،" ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވަނީ ޗާގޯސް ހިމެނޭ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ވިއްކާލައި، އެ މައްސަލައިގައި ދިވެހި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑް ބަދަލު ކުރި ސިޓީއެއްގެ ގޮތުގައެވެ.

އެކަމާ ގުޅިގެން އެ ސިޓީފުޅު ހޯދުމަށް އިދިކޮޅު ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެ ސިޓީފުޅު ހޯދަން އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ ރައީސް އޮފީހަށްވެސް ގޮސްފައެވެ.

މަޖިލިސް ކޮމިޓީތަކުގެ މަސައްކަތްތައް ފެށުމުން ރައީސްގެ އެ ސިޓީފުޅު ހޯދަން ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މަޖިލިސް ބައެއް މެންބަރުން އެމްޑީޕީން ވަކިވުމާއި، އަމިއްލަގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅީވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެން ޖެހޭ ގޮތަށް ގެންނަން ޖެހޭ ބަދަލު އަދިވެސް ގެނެސްފައި ނުވާކަމަށް ވިދާޅުވެ މަޖިލިސް ރައީސް ވަނީ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް އަންގަވައިފައެވެ.