އަހުމަދު ނާޒިމް

ބަދަލު ހޯދަން ނާޒިމު ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމުގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދައުވާ ބަލައި ނުގެން ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ނާޒިމްގެ މެމްބަރުކަމުގެ ގޮނޑި 2015 ގައި ގެއްލުނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި އޭނާ 25 އަހަރަށް ޖަލަށްލާން 2015 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެ ނިންމުން ރިވިއުކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުމުން ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ ޖަލު ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފައެވެ.

އެމައްސަލައިގައި ބަދަލު ހޯދުމަށް ނާޒިމު ދައުވާކުރީ މިދިޔަ ހަފްތާގައެވެ. އޭނާ ކުރި ދައުވާގައި ބުނެފައިވަނީ، މެމްބަރު ކަމުގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަން ދައުލަތުން އޭނާއަށް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ޖަލު ހުކުމުގެ ސަބަބުން ނާޒިމަށް ލިބުނު އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް އެމައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ އެމައްސަލަ ބެލުމުގެ އިހުތިސޯސް އެކޯޓަށް ލިބިގެން ނުވާކަމަށް ބުނެއެވެ.

މިދިޔަ ފެބުރުއަރީ މަހު އެ ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ނިންމާފައިވަނީ ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނޯންނަ ކަމަށެވެ.

ރަޖިސްޓްރާގެ އެނިންމުން އަލުން ބަލައިދިނުމަށް ވެސް ނާޒިމު ފަހުން ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުގެ ގާޒީވެސް ނިންމަވާފައިވަނީ ރަޖިސްޓްރާގެ އެ ނިންމުން ރަނގަޅު ކަމަށެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމާއެކު ދިއްގަރު ދާއިރާގެ މެންބަރުކަން ނާޒިމަށް ގެއްލުމުން، ދެން އެދާއިރާގެ ގޮނޑި ތަމްސީލުކުރަމުންދަނީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެދާއިރާ ކާމިޔާބު ކުރެއްވި ފާރިސް މައުމޫނެވެ.