އަހުމަދު ނާޒިމް (ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް)

ސިނގެރޭޓް ކާޓޫންތައް ގެއްލުނު މައްސަލަ: ކަސްޓަމުން ފޮނުވި މައުލޫމާތުގައި ބައެއް މަދު: ނާޒިމް

އިބްރާހިމް ޒަކީ

މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގެރޭޓް ކާޓޫން ގެއްލުނު މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ) އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި، ބައެއް މަދުކަމަށް އެ ކޮމެޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވެއާހައުސްގައި ހުރި ސިނގިރޭޓް ތަކަކީ، ފޭކު ސިނގިރޭޓްތަކެއް ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށެވެ.

އެތަކެތި ވެއާ ހައުސްގައި ބަހައްޓާފައި ހުރީ، އަސްލު ކުންފުނިން ކޯޓަށް ދިއުމުން ނެރުނު ކޯޓު އަމުރެއްގެ ދަށުން ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެ ތަކެތި ބޮންޑެޑް ހައުސްގައި ހުއްޓައި އެ ކުންފުނީގެ ބަދަލުވެފައިވާ ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށާއި އަދި އަލަށް ކުންފުންޏާ ހަވާލުވި ހިއްސާދާރުންގެ ހާޒިރުގައި އެތަކެތި ގުނައި އެ ފަރާތްތަކާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކަސްޓަމުން ފޮނުވާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރުން ބަދަލުވި ތާރީހާއި އެތަކެތި ކުންފުންޏާ ހަވާލުކުރި ތާރީހުގެ އިތުރުން އެތަކެތި ގުނައި ކުންފުންޏާ ހަވާލުވި މައުލޫމާތު ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެތަކެއްޗަށް 47 މިލިޔަން ރުފިޔާ ބިލްކޮށްފައިވާކަން އެނގޭ އިރު، ބިލްކޮށްފައި ވަނީ ފަހުން ހަވާލުވި ހިއްސާދާރުންނާ ކަމަަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސިނގިރޭޓްތައް ބޮނޑެޑް ހައުސްގައި ނެތްކަން އެނގުނީވެސް ކޮމިޓީން ބުނި ބުނުމަކަށް ކަސްޓަމްސްއިން ބެލުމުން ކަަމަށެވެ.

އެހެންކަމުން އެ މައުލޫމާތުތަކާއި ބޮންޑެޑް ހައުސްގައި އެތަކެތި ނެތްކަން އެނގުނީ ކޮން އިރަކުތޯ އާއި އެކަމާބެހޭ މައުލޫމާތު ކަސްޓަމްސްއިން އިތުރަށް ހޯދުމަށް ނާޒިމް ހުށަހަޅުއްވައި ކޮމިޓީން ފާސްކުރިއެވެ.

މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސް އެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ގައެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން "ވަން" އަށް މީގެކުރިން ވިދާޅުވީ ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައިގައި އެތަކެތީގެ ވެރިފަރާތް 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ވެރިފަރާތް ޖޫރިމަނާ ކުރީ ކަސްޓަމުން ކަމަށާއި ޖޫރިމަނާ ކުރި ސީދާ އަދަދެއް މިވަގުތު ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް އެއީ 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.