އިބްރާހިމް ޒަކީ
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) ހިންގުމުުގައި އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ފާހަގަވެފައިވާ އިރު، އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ރާއްޖޭގައި ކޮށްފައިވާ އިންވެެސްޓުތަަަކަކީ، އޭގެ ތެރޭގައި ހިމެނޭ ފައިސާއިން ކޮށްފައިވާ އިންވެސްޓުތަކެއްތޯ، ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ފްލެޓް ފްރޮޖެކްޓްގެ ކޮރަޕްޝަން މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އާއި އެ އޮފީހުގެ އިސްބޭފުޅުން މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ކޮމިޓީގެވެސް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ނާޒިމް ވިދާޅުވީ، 550 މިލިއަން ރުފިޔާއިން ފެށި ޕްރޮޖެކްޓަށް ފައިސާ އިތުރުވަމުން ގޮސް އެއް ބިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
"ދައުލަތުގެ ފައިސާއިން މިހާ ބޮޑު ހިޔާނާތެއް، މިހާ ގިނަ އަދަދެއް ފޭދިގެން ގޮސްފައިމިވަނީ ބޭރުގެ ކުންފުންޏަކަށް ކަމަށްވެފައިވާތީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި އެސެޓްތަކެއް ކުރިއޭޓް ކޮށްފައިވާކަން މި ރިޕޯޓުތަކުން އެނގޭ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގެ ރިސޯޓެއްގެ ހިއްސާ އެ ފަރާތަށް އެބައޮތް ކަމަށާއި، އިމާރާތެއްވެސް އެބަހުރި ކަމަށެވެ.
"އެހެންވީމާ އެ އެސެޓްތައް އުފެއްދީ މި ފައިސާއިންތޯ ނުވަތަ ނޫންތޯ ދެނެގަންނަންވެެގެން ކުރެވުނު މަސައްކަތެއް މި މަސައްކަތަކީ، އެހެންވީމާ މަނިޓަރީއަށްވެސް އެހެން ފަރާތްތަކަށްވެސް ލިޔަންޖެހޭ ރާއްޖޭން ބޭރުން ފައިސާ ގެނެސްގެން ކޮށްފައި ހުރި އިންވެސްޓުތަކެއްތޯ ނުވަތަ މި ފައިސާ ބޭނުންކޮށްގެން ކޮށްފައި ހުރި އިންވެސްޓުމަންޓުތަކެއްތޯ،" އޭނާ ވިދާޅުވިއެވެ.
2013 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ވަކި ހިސާބަކުން އެއްބަސްވުން ބާތިލުކޮށް، އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ. އެއީ 300 ޔުނިޓުގެ އަދަދު 360 އަށް އިތުރު ކުރުމަށްފަހުގައެވެ. އެއީ 17 މާޗް 2016 ގައެވެ.
އެފަހަރު މަސައްކަތް ހަވާލުކުރީ 14 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން 628.1 މިލިއަން ރުފިޔާއަށެވެ. އެއީ ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަން ވަޒަންކުރުމެއް ނެތިއެވެ. އޭގެ އިތުރުން އެ ފަރާތަކީ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ، ނޫމަޑީގެ ސަބްކޮންޓްރެކްޓަރެވެ. އަދި އައިލެންޑް އެކްސްޕާޓްގެ މެނެޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރެޕްރެޒެންޓަރުކަމުން އެ ޕްރޮޖެކްޓުގެ ހަގީގީ މާލީ މަންފާވެރިއަކީ އޭނާއެވެ.
ބްލޫސް ހައުސިން ޕްރޮޖެކްޓުގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފެންމަތިވެފައިވަނީ އޮޑިޓް އޮފީހުން މިދިޔަ މަހުގެ 24 ވަނަ ދަވަހު އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އަކަފޫޓަކަށް (ޖުމުލަ 573،332 އަކަފޫޓު) 1851 ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާ އިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 1300 އާއި 1500 ރުފިޔާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
މި ރޭޓުތަކަށް ބަލާނަމަ މި މަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ ކަމަށާއި އެންމެ ބޮޑުވެގެން ވެސް ހަރަދުވާނެ ކަމަށް ބެލެވެނީ 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
"މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅައި ބަލާ އިރު، މި މަޝްރޫއަށް މިހާތަނަށް ހިނގާފައިވާ 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން، ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތް ކަމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.
އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 500 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ބީލަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައިނުވާ ކަމަށެވެ. ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައިނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެންފަރާތަކަށް މަސައްކަތް ހަވާލުކުރަން ޖެހި، މަޝްރޫއުގެ ހަރަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން، ދެ ފަރާތުން ސޮއިކޮށްފައިވާ ޓާމިނޭޝަން އެގްރީމެންޓުގައިވާ ގޮތުން ޕޮލްކޯ އިން ނޫމަޑިއަށް ޖުމުލަ 96،324،296 (96.3 މިލިއަން) ރުފިޔާ ދައްކާފައިވާ އިރު، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގަކީ 38،202،432 (38.2 މިލިއަން) ރުފިޔާއެވެ. އަދި ނޫމަޑިއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 64.3 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް 20 މިލިއަން ރުފިޔާ، ޕޮލްކޯއިން ދިން ކަމަށް އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.