ޚަބަރު

ފުލުހަކަށް ހަމަލާ ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަށްޓަކައި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް/ ދަޑިމަގު، ބޭރެފީށި، މުހައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

ފުލުހުން މިއަދު ބުނީ އަންސާމް ހޯދަމުންދަނީ ހުޅުމާލޭގައި 21 މެއި 2023 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށެވެ.

މިދިޔަ މަހު ހުޅުމާލެ ފްލެޓެއް ކައިރިން ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ފުލުހުން ބުނީ އަންސާމްއާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސްް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.