ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 ސޮޔާ އެކު މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ.

ކުރީގެ ރައީސް ނަޝީދު ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމިކަން އެމްޑީޕީން އިއުލާނުކުރީ އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ، 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ނަޝީދު ހިމެނިވަޑައިގަންނަވާހެން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ސޮއިނުކުރާ މެމްބަރުންގެ ނަންތައް އަދި ހާމަކޮށްފައި ނުވެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ މިހާރު ތިއްބެވި ޖުމުލަ މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ.

ނަޝީދު ވަކިކުރަން ނިންމެވި ސަބަބުތައް ބަޔާން ކުރައްވައި އިއްޔެ އަސްލަމް ވިދާޅުވީ މިހާރު ރައީސް ނަޝީދު އަމަލުކުރައްވާ ގޮތާ ގުޅިގެން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އޭޖީގެ އިތުބާރުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްވަމުން ދިޔައީ ރިޔާސަތުން އަމަލުކުރާ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށެވެ. ރިޔާސަތުން އަމަލުކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށާއި ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ އެމަނިކުފާނު ހިތުހުރި ގޮތަކަށް ކަމަށާއި އެއީ އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ އަމަލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.