ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެނބޫދޫ ފަޅުގައި ހަދާ ރަށަށް އަންނަ އަހަރުގެ ކުރީކޮޅު ޕިކްނިކް ދެވޭނެ: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެނބޫދޫ ފަޅުގައި ތަރައްގީ ކުރުމަށް މިއަދު އެއްބަސްވި ރަށަށް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ޕިކްނިކް ދެވޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީއާއި ތައިލެންޑްގެ ސިންހާ އެސްޓޭޓު ކުންފުންޏާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން ތިބީ ރަށު ބަންދުން ވީއްލޭނެ ގޮތެއް ނެތިފައި ކަމަށެވެ.

ރައީސް ވިދާޅުވީ އެނބޫދޫ ފަޅުގައި ޕިކުނިކު ދިއުމަށް ތައްޔާރުކުރާ ރަށަށް މާލެއިން ފުރައިގެން ފަނަރަ މިނެޓުން ދެވޭނެ ކަމަށާއި އެރަށުން ދަތުރުދާ މީހުންނަށާއި އާއިލާތަކަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އަދި ތުއްތުކުދިން ގޮވައިގެން ދަތުރުދާ އާއިލާތަކަށް ފެމިލީ ރޫމުތައް ރިސޯޓުން ލިބެން ހުންނާނެ ކަމަށާއި ކުދިން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

ދިވެހިންނަކީ އާއިލާއާއި ރައްޓެހިންނާއެކު މަޖާކޮށްލުމަށް އަބަދުވެސް ދަތުރު ގޮސް އުޅޭ ބައެއް ކަމަށާއި އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން މާލެ ކައިރީގައިވާ ފަޅުރަށްތަކަށް ދަތުރުގޮސް އުޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ އަޑުތަކާއި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ނިމިދިޔަ ސަރުކާރުން މާލެ ކައިރީގައިވާ ރަށްތަކާއި ފަޅުތައް ނާޖާއިޒު ގޮތުގައި ވިއްކާ ހުސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މާލޭގައި އިޖުތިމާއީ މައްސަލަތައް ގިނަވަނީ ތޮއްޖެހިފައި އޮތުމުން ކަމަށާއި އިށީންދެ ތިބޭނެ ޕާކުތައްވެސް މަދުވުމުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕިކުނިކު ދިއުމަށް ތައްޔާރުކުރަމުންދާ ރަށުގެ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ނިންމައި، އެރަށުގެ ބޭނުން ހިފަން ފެށުމުން ރައްޔިތުންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި މާލެއަކީ ދުނިޔޭގެ ނިސްބަތުން އެންމެބޮޑަށް ތޮއްޖެހިފައިވާ ސިޓީ ކަމަށާއި އެކަން ހައްލު ނުކުރެވިއްޖެނަމަ މުސްތަގުބަލުގައިވެސް ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

އަދި މާލެ ތޮއްޖެހުމުގެ ސަބަބުން މަގުތަކާއި ގޯޅިތައްވެސް ހަނިވުމާއެކު އިމާރާތްތަކުގެ ދޭތެރޭގައި ޖާގަ ކުޑަވުމަކީވެސް މާލޭގައި ދިރިއުޅޭ މީހުންގެ ހަމަޖެހުމަށް އޭގެ އަސަރުފޯރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މާލޭގައި އުޅޭ މީހުން ހަފްތާ ބަންދުގައި ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެވެ.