ޚަބަރު

ނަޝީދުގެ ބަސް ބަދަލުވެއްޖެ: މިހާރު ވިދާޅުވަނީ ދާއިރާ ތަމްސީލުކުރަން ކެތްމަދުވެފައިވާކަމަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޯޅީ މެދު ދާއިރާ މަޖިލީހުގައި ތަމްސީލު ކުރެއްވުމަށް ކެތްމަދުވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް ހުށަހަޅުއްވައިގެން ކުރިއަށްދިޔަ ބަހުސްގެ ތެރެއިން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ކެތްމަދުވެފައި ރިޔާސަތުގައި މި އިންނަނީ، އުއްމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،" ކަމަށެވެ.

ރައީސް ނަޝީދުގެ ބަސް ބަދަލުވެފައި މިވަނީ މަޖިލިސް ރައީސްގެ މަގާމުން އެ މަނިކުފާނު ވަކިކުރުމަށް ޓަކައި އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެ މަނިކުފާނުގެ އަމިއްލަ ޕާޓީ އެމްޑީޕީން ނިންމުމާ ގުޅިގެންނެވެ.

މީގެ ކުރިން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މަޖިލީހުގެ ހުރިހާ މެންބަރުން އެ މަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށާއި، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަނޭޅޭނެ ކަމަށެވެ. އެކަން ކުރަން މެންބަރުންނަށް ކެރިވަޑައިނުގަންނަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި އެ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް މަޖިލިސް ކުރިއަށް ގެންދަން މަސައްކަތް ކުރައްވައި އެކަން ރަނގަޅު ނުކުރެއްވުމުން ކަމަށެވެ.

މަޖިލިސް ރައީސް ވަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅައި މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލާފައި ކަމަށްވެސް އަސްލަމް ތުހުމަތު ކުރެއްވިއެވެ. އެކަންތައްތައް ބޮޑުވެގެން ކެތްމަދުވެގެން މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އިތުބާރުނެތްކަަމަށް ހުށަހަޅަން 22 މެންބަރުންގެ ސޮއި ބޭނުންވާއިރު، އެ މައްސަލަ ހުށަހަޅަން 54 މެންބަރުން ވަނީ މިހާތަނަށް ސޮއިކުރައްވައިފައެވެ. މަޖިލިސް ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރަން ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ.