އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުން މަޝްވަރާ ކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމާމެދު ގޮތެއް ނިންމުމަކީ މުހިއްމުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން މަޖިލީިހުގެ ދާއިމީ ކޮމިޓީތަކުގެ މައްސަލަ ހަމައަކަށް ގެނެވިފައިނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޕާޓީތަކުން މެންބަރުން ބަދަލުވާ މިންވަރު އިތުރުވެގެން ދިއުމާއެކު އެ ބަދަލުތައް ކޮމިޓީތަކަށް ގެންނަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ އެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވައިލީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން އެ ޕާޓީން ވަކިވި ހިސާބުންނެވެ. އެއީ އެ ބަދަލާއެކު ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެން ޖެހޭ ގޮތަށް ގެންނަން ޖެހޭ ބަދަލު އަދިވެސް ގެނެސްފައި ނުވާތީއެވެ.
އެ ބަދަލާއެކު ކޮމިޓީތަކުގައި މެންބަރުން އެތުރިފައިވާ ގޮތް، މަޖިލިސް ތަޅުމަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިސް ރައީސް ކޮންމެ ހަފުތާއަކު ވިދާޅުވި ނަމަވެސް، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުރެއް އޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނުސީދާކޮށް އިއްޔެ ވަނީ ތުހުމަތު ކުރައްވައިފައެވެ.
އިއްޔެ އޮތް ނިއުސްކޮންފަރެންސްގައި މެންބަރު އަސްލަމް ވިދާޅުވީ، ކޮމިޓީތައް އެކުލަވައިނުލެވި ލަސްވަނީ ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވައިލުމާ ގުޅޭގޮތުން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަން މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި އެކަމަކު، މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތުން ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރަން އެމްޑީޕީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.