ޚަބަރު

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެނބޫދޫ ފަޅުން ރަށެއް ކަނޑައަޅައިފި

އިބްރާހިމް ޒަކީ

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެނބޫދޫ ފަޅުގައި މިހާރު ހިއްކާފައިވާ ރަށްތަކުގެ ތެރެއިިން ރަށެއް ކަންޑައަޅައިފިއެވެ.

މިރަށް ކަނޑައަޅައި އިއުލާން ކޮށްފައިވަނީ އެކަމަށްޓަކައި މިވަގުތު ބާއްވަމުންދާ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެރަށް ކަނޑައަޅައި އެކަން އިފްތިތާހު ކޮށްދެއްވީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ، މާޅޭގައި ދިރިއުޅޭ އެއްލައްކަ ފަންސާސްހާހެއްހާ މީހުން ކުރިން ދަތުރުގޮސް އުޅުނު ކުޑަބަނޑޮސް އެހެންކަމަކަށް ނެގިފަނުން އަހަރުތަކެއް ވެފައިވާ ކަަމަށެވެ. އެހެންކަމުން މާލެއަށް ދިމާވެފަިއވާ އެންމެ ބޮޑު އެއް މައްސަލއަކީ އެފަދަ ގޮތަކަށް ދަތުރުދާނެ ރަށެއް ނެތުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުން ޕިކްނިކްދާން ތަރައްގީ ކުރަނީ އެނބޫދޫ ފަޅުގައި ތަރައްގީކުރާ، ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ އަގު ބޮޑު މަޝްރޫއުގެ ރިސޯޓް ކަމަށް ވާ ކްރޮސްރޯޑްސްގެ މަސައްކަތްކަތުގެ ތެރެއިން ހަމަޖައްސައިދިން އެތަނުގެ ރަށެއްގެ ބައެއް ކަމަށެވެ.

"މާލޭ ސަރަހައްދަކުނެތް ގުދުރަތީގޮތުން ހިކިފަ އޮތްތަނެއް. ދެން ޖެހެނީ ތަނެއް ހިއްކައިގެން ބިމެއް އުފެއްދުން ނުވަތަ މިހާރުވެސް ހިއްކައިފަ އޮތް ތަނެއް ތަރައްގީކުރުން. އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވޭ ސިންހާއި ސްޓޭޓުން އެނބޫދޫ ފަޅުގައި އެބޭފުޅުން މިކުރައްވާ ރިޒޯޓް ތަރައްގީ ކުރުމުގެ މި އިންވެސްޓް މަންޓްގެ ތެރޭގައި އެތަނުގެ އެއްރިޒޯޓް ކްރޮސް ރޯޑްސްގެ ބައެއް އަޅުގަނޑުމެންނަށް ވަކިކޮށްދެއްވައި ވަކި ރަށެއްގޮތަށް އަޅުގަނޑުމެން އެތަން ރަޖިސްޓްރީކޮށް، ވަކި ތަނެއްގެ ގޮތުގައި އަޅުގަނޑުމެން މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ތަނެއްގެ ގޮތުގައި ހެދުމަށް އެއްބަސްވެ ވަޑައިގެން އަޅުގަނޑުމެންނާ އެކީގަ އެތަން ތަރައްގީ ކުމުގައި އެބޭފުޅުންގެ އެހީތެރިކަން ވަރަށްބޮޑަަށް ލިބޭނެކަމަށް ވަނީ އެއްބަސްވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ވަކި ރަށެއްގެ ގޮތުގައި ކްރޮސް ރޯޑްސްގެ ރިޒޯޓާ އެތަން ވަކި ވެފައި އޮތް ނަމަވެސް އެތަނަށް ދަތުރުދާން ފެށުމުން އެ ރިޒޯޓްގައި ކުޅިވަރުތަކަށް ބޭނުން ކުރާ ހުރިހާއެއްޗެއް ދަތުރު ދާމީހުންނަށްވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ތިންލައްކަ ތެއްތިރީސްހާސް އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާ އެރަށަށް ޕިކްނިކް ދެވޭވަރަށް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިމޭނެ ކަމަށެވެ. އެތަން ތަރައްގީ ކުރަނީ މޫދާއި އެއްގަމުގެ ކުޅިވަރުތަކާއި ބާބަކިއުފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭގޮތަށެވެ.

ހާއްސަފެރީއަކުން މާލެ އާއި ވެލާނާ އިންތަނޭޝަނަލް އެއާޕޯތުން 15 މިނިޓުން ދެވޭގޮތަށް ތަރައްގީ ކުރާ މި ރަށުގައި ފެމިލީ ރޫމްތަކާއި އެހެނިހެން އެކި ވަސީލަތްތައްވެސް ގާއިމް ކުރެވޭނެއެވެ.