އެޕަލް ކުންފުނިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އާ އައިފޯނުން "ރިވާސް" ޗާޖު ނުވަތަ އެ ފޯނުން އެހެން ޑިވައިސް ޗާޖުކުރުމުގެ ހިދުމަތް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެނަލިސްޓުން ބުނެފިއެވެ.
ފާއިތުވި އަހަރުގައި ވާވޭ އިން ނެރުނު މޭޓް 20 ޕްރޯ އަކީ "ރިވާސް ޗާޖިން" ހިދުމަތް އާންމުކުރި ފޯނެވެ. އެ ފޯނު މެދުވެރިކޮށް އެހެން ވަޔަލެސް ޑިވައިސް ޗާޖު ކުރެވޭނެއެވެ.
އެއާއެކު މި އަހަރު ސެމްސަންގުން ނެރުނު އެކުންފުނީގެ ފްލެގްޝިޕް ފޯނުގައި ވެސް ވަނީ އެފަދަ ހިދުމަތެއް އާންމުކޮށްފައެވެ. އެކަމު އެކުންފުނިން އެ ހިދުމަތް މާކެޓު ކުރަނީ ސެމްސަންގްގެ ވަޔަލެސް އިއަރބަޑްސް އިޝްތިހާރުކުރުމަށެވެ. އެއީ އެ ހިދުމަތުގެ އެހީގައި އެ ވަޔަލެސް ބަޑްސް ޗާޖު ކުރެވޭނެ ހިދުމަތް ވަނީ ސެމްސަންގުން އާންމުކޮށްފައެވެ.
އެޕަލްގެ އެނަލިސްޓެއް ކަމަށްވާ މިންގް ޗީ ކުއޯ ބުނެފައިވާގޮތުގައި އާ އައިފޯނުން ރިވާސް ޗާޖުކުރެވޭ ފަދަ ހިދުމަތެއް ހިމެނޭނެއެވެ.
އެކަމަށް ބާރުދޭ އިތުރު ސަބަބެއް ވަނީ އެޕަލްގެ ފަރާތުން ފެނިފައެވެ.
އެޕަލް އިން ދާދި ފަހުން ވަނީ އެކުންފުނީގެ ވަޔަލެސް ހެޑްސެޓް "އެއާޕޮޑްސް"ގެ އާ ވާޝަންއެއް ނެރެފައެވެ.
އާ އެއާޕޮޑްސްގެ ޗާޖިން ކޭސް ވަޔާލެސްކޮށް ޗާޖު ކުރެވޭނެއެވެ. އެހެންކަމުން އާ އައިފޯނަށް ރިވާސް ޗާޖިން ހިދުމަތް ލިބިއްޖެނަމަ އެ ފޯނުން އެއާޕޮޑްސް ޗާޖުކުރެވޭނެ އެވެ.