ޚަބަރު

މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން 46 މެމްބަރަކު ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރަން ފާސްވާ ވަރަށް ސޮއި ހަމަކޮށްފިއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. މިހާރު އެ މައްސަލައިގެ ޕެޓިޝަންގައި ވަނީ ސޮއިކުރަން ފަށައިފައެވެ.

ރައްޔިޔތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް "ވަން" އަށް ދެންމެ ވިދާޅުވީ، މިހާތަނަށް 46 މެންބަރަކު ޕެޓިޝަންގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

"އަދިވެސް ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ" ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، 44 މެންބަރުން ހަމަވުމާ އެކު ނަޝީދުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ. ނަމަވެސް އުންމީދުކުރައްވަނީ 50 އަށް ވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވެއްދުމަށް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެންބަރުންގެ ސޮއެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 56 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާ އިރު، 44 މެންބަރުންގެ ވޯޓާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނެއެވެ.