ޔޫތު މިނިސްޓަރަށް ލަފާ އެރުއްވުމުގެ ގޮތުން ޒުވާނުން ހިމެނޭ "ޒުވާނުންގެ ގައުމީ މަޖިލިސް" އެކުލަވާލަވާލަން ނިންމައި އުސޫލެއް އާންމުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވާގޮތުގައި އެ މަޖިލީހަކީ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށާއި، ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވައިލެވޭ މަޖިލީހެކެވެ.
އެ އުސޫލުގައި ބުނެފައިވަނީ ޒުވާނުންގެ ގައުމީ މަޖިލީސް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ، ޒުވާނުންނާބެހޭ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކަކީ ޒުވާނުންނާ ރަހުމަތްތެރި މަސައްކަތްތަކަކަށް ހެދުމަށްޓަކައި ޒުވާނުންގެ އަޑު އަހައި، ޒުވާނުންނާބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި މުރާޖައާ ކުރުމަށް ޒުވާނުންގެ ހިޔާލު ހޯދުން ކަމަށެވެ.
އެ މަޖިލީހަށް މެމްބަރުން ހޮވުމުގައި މަދުވެގެން 50 ޕަސެންޓް އަންހެނުން ހިމަނަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އެ މަޖިލިސް އެކުލެވިގެންވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ދާއިރާތަކުން ޖުމްލަ މެމްބަރުންނާއި އެކި އެކި މުއައްސަސާތަކުން އައްޔަންކުރާ ހަ މެމްބަރުންގެ މައްޗަށް ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.