ޚަބަރު

މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމެނި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފިކުރުގެ ދިރުމުގެ މެންބަރުންނާއި، އިދިކޮޅު މެންބަރުން ގުޅިގެން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ޗާގޯސް މައްސަލައާ ގުޅިގެންނެވެ.

މަޖިލިސް މެންބަރަކު ވިދާޅުވީ، އެ މައްސަލަ އެޖެންޑާއިން އުނިކުރީ، މައްސަލައިގައި ބަހުސްކުރުމުގެ ވަގުތާ މެދު މަޖިލީހުގެ އާއްމު ކޮމިޓީން ގޮތެއް ނިންމާފައިނުވާތީއެވެ.

އެ މައްސަލައިގައި އާއްމު ކޮމިޓީއަށް ގޮތެއް ނުނިންމިވަނީ، ބައެއް މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވުމާއި، އަމިއްލަގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅީވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެންޖެހޭ ގޮތަށް ގެންނަން ޖެހޭ ބަދަލު އަދިވެސް ގެނެސްފައިނުވާތީއެވެ.

އެ ބަދަލު މަޖިލީހުން ފާސްކުރަންދެން، މަޖިލިސް ރައީސް ވަނީ ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ނުގެންދެވުމަށް އަންގަވައިފައެވެ.

އެ ބަދަލާއެކު ކޮމިޓީތަކުގައި މެންބަރުން އެތުރިފައިވާ ގޮތް، މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް، އެ މައްސަލަ މަޖިލީހަށް ގެނެސްފައެއް ނުވެއެވެ. އެ މައްސަަލަ މަޖިލިސް ތަޅުމަށް ގެންނާނެ ކަމަށް މިދިޔަ ހަފުތާގައިވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަަމަވެސް ނުގެންނަވައެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްޗަށް ހުށަހަޅައިގެން މިހާރު މަޖިލީހުގައި ކުރިއަށްދާ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް، ވަގުތު ކަނޑައަޅާފައިވަނީ އާއްމު ކޮމިޓީންނެވެ. އެ ކޮމިޓީން ކަނޑައަޅާފައިވަނީ، އެ މައްސަލައަށް ޖުމުލަ ދެ ގަޑިއިރު ބަހުސްކުރާ ގޮތަށެވެ. އޭގެ ތެރެއިން 30 މިނެޓުގެ ފުރުސަތެއް މައްސަލައަށް ޖަވާބުދާރީވުމަށް އޭޖީއަށް ދޭގޮތަށެވެ.

އެއީ މައްސަލަ ހުށަހެޅުމަށްފަހު، ބަހުސް ފެށުމުގެ ކުރިން ދިހަ މިނެޓާއި ބަހުސްގެ މެދު ތެރެއިން ދިހަ މިނެޓާއި ބަހުސް ނިންމާލުމުގެ ކުރިން ދިހަ މިނެޓުގެ ފުރުސަތެކެވެ.

ކޮމިޓީތައް ނުބާއްވަން އެންގީ މި މަސައްލައިގެ ވަގުތު ކަނޑައެޅި ފަހުންނެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަަވެސް މަޖިލީހުގައި އެބައޮތެވެ. ނަމަވެސް އެ މައްސަލަތައް އެޖެންޑާ ކުރެވޭނީ، އާއްމު ކޮމިޓީގެ ބައްދަލުވުންތައް ބާއްވަން ފެށުމުންނެވެ.