މުޙައްމަދު ޝަމްޢޫން
އިންޑިއާގައި މި މަހު 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލައިފިއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިމަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ދިވެހި ޓީމުން މިހާރު އަންނަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، އެއީ ސާފްގެ ހަ ގައުމަކާއި ސަރަހައްދުން ބޭރުގެ ދެ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި މުބާރާތުން ފެންނާނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ބޫޓާން އަދި ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުވަތުއެރުވިގެން ސަރަހައްދުން ބޭރުން ވާދަކުރާނީ މެދުއިރުމަތީގެ ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ.
ރާއްޖެއިން ސާފަށް ތައްޔާރުވުމުގެ ގޮތުން މާދަމާ މެންދުރު 12:15 ގައި ޖަޕާނަށް ފުރަން ތައްޔާރުވެފައިވާ އިރު، ޖަޕާނުގެ ކޭމްޕަށް ދާނީ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑެވެ. އެ ސްކޮޑާއެކު މިރޭ ގައުމީ ދަނޑުގައި ޓީމުން ފަރިތަކޮށްފައިވާ އިރު، 30 ކުޅުންތެރިންގެ ތެރެއިން ބާކީ ކުރީ ހަތް ކުޅުންތެރިންނެވެ.
ގައުމީ ޓީމުން ޖަޕާނަށް ގޮސް 10 ދުވަހުގެ ކޭމްޕެއް ފުރިހަމަ ކުރުމަށް ނިންމާފައިވާ އިރު، ޓީމު އިންޑިއާގެ ބެންގަލޫރަށް ދާނީ ޖަޕާނު މަގުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސާފާ ގުޅޭ ގޮތުން މިމަހުގެ އެއްވަނަ ދުވަހު "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފާހަގަކުރެއްވީ ޖަޕާނުގައި ޓީމު ތިބޭނީ އެގައުމުގެ ގައުމީ ޓީމުވެސް ތަމްރީނުތައް ކުރުމަށް ބޭނުންކުރާ ހާއްސަ ވިލެޖެއްގައި ކަމަށާއި ޓީމަށް ފޯކަސް ކުރަން ރަނގަޅު މާހައުލެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ބައްސާމް ފާހަގަކުރެއްވީ މިވަގުތު ރާވާފައި ވަނީ ސާފަށް ދިޔުމުގެ ކުރިން އެކުވެރިކަމުގެ އެއް މެޗު ކުޅުމަށް ކަމަށެވެ.
ގައުމީ ޓީމުން ފައިނަލް ކުރި ސްކޮޑުން، އަލަށް ޓީމުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މެދު ތެރެއަށް ކުޅޭ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އާއި އެޓީމުގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ގެ އިތުރުން ބުރު ސްޕޯޓްސް ކްލަބުގެ ވިންގް ބެކް އިބްރާހީމް އުސާމާ ހިމެނެއެވެ. އަދި އޭގެ އިތުރުން ސްކޮޑުގައި ކްލަބު އީގަލްސްގެ ޒުވާން ޑިފެންޑަރު ހުމައިދު ހުސައިން ވެސް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ހިމަނާފައިވެއެވެ.