ދިވެހިންގެ ހިތްތަކުގައި އެމްޑީޕީއާ މެދު ނަފްރަތު އުފައްދަން ބަޔަކު ވިޔާނުދާ ވާހަކަ ދައްކަމުން އެބަދާ ކަމަށާއި، ނަމަވެސް އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއް ދުވަހަކުވެސް ރާއްޖޭގައި ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނ. މާފަރުގައި މިއަދު ހެނދުނު ބޭއްވި އެމްޑީޕިގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި އެންމެ މަތިވެރި މަގާމެއް ދެވިފައިވާ އިސްލާމްދީނަށް ނިސްބަތްކޮށް ހިތްތަކުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އެމްޑީޕީއަށް ނިސްބަތްކޮށް ބުދުފައްޅި އަޅާނެކަަމަށް ބުނަމުންދާއިރު އެމްޑީޕީން އަޅާނީ ބުދު ފައްޅި ނޫންކަމަށާއި މިސްކިތްތައްކަމަށް ވިދާޅުވިއެވެ.
"ހާއްސަ ގޮތެއްގައި އެންމެނަށް ވެސް އެބަ އެނގޭ ދިވެހިންގެ ހިތްތަކުގައި އެންމެ މަތިވެރި މަގާމެއް ދެވިފައި އޮންނަނީ އިސްލާމްދީނަށްކަން. އެހެންވީމައި ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އަޅުގަނޑުމެންނޭ ބުނެ، އަޅުގަނޑުމެންނަށް އިނގިލި ދިއްކޮށް ވަރަށްގިނަ ދޮގު ވާހަކަ ދައްކަމުން އެބަދޭ. އެއްބަޔަކު އެބަ ބުނޭ އަޅުގަނޑުމެން ބުދުފައްޅި އަޅާނެއޭ ނޫން އަޅުގަނޑުމެން އަޅާނީ އިރާދަ ކުރެއްވިއްޔާ މިސްކިތް. އިސްލާމް ދީންނޫން ދީނެއް އިރާދަ ކުރެއްވިއްޔާ މިރާއްޖާގައި ދުވަހަކުވެސް ނޯންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ސަރުކާރުގައި 47 މިސްކިތް އެޅުއްވި ކަމަށާއި އެއީ ދިވެހި ތާރީހުގައި އެއްވެސް ސަރުކާރަކުން މިސްކިއްއެޅި އަދަދެއްނޫން ކަމަށެވެ.