ޚަބަރު

ގާނޫނުތައް ހުއްޓަސް އޯޓިޒަމް ކުދިންނަށް ފުޅާ ދާއިރާގައި ހިދުމަތްތައް ދެވޭނީ އިހުސާސްތައް ދެނެގަނެގެން: މެޑަމް

އިބްރާހިމް ޒަކީ

ގާނޫނުތަކާއި ގަވާއިދުތައް ހުރި ނަމަވެސް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނީ އެފަދަ ކުދިންގެ އިހުސާސްތައް ދެނެގަނެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އޯޓިޒަމް ދުވަހާ ގުޅިގެން ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ، އެފަދަ ފަރާތްތަކުގެ އިހުސާސްތައް ދެނެނުގަނެ އެފަރާތްތަކަށް އެހީތެރިވާން ދަތިވާނެ ކަމަށެވެ.

"ގާނޫނުތަކާއި ގަވާއިދުތައް ހުރި ނަމަވެސް އެކުދިންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ކުދިންގެ އިހުސާސްތައް ދެނެގަނެގެން.

އެމީހުންގެ އިހުސާސްތައް ދެނެގަންނަން ޖެހޭކަން ހާއްސަ ގޮތެއްގައި އަޅުގަނޑު މި ފާހަގަ ކޮށްލަނީ، އެކަން ދެނެނުގަނެ މިފަދަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް، ނުވަތަ މީހެއް ބަލައި ގަނެ އެހީތެރިވާން ދަތިވާނެތީ،" މެޑަމް ފަޒްނާ ވިދާޅުވިއެވެ.

މެޑަމް ފަޒްނާ ވިދާޅުވީ، އިންސާނިއްޔަތަށްޓަކައި އެފަދަ މީހުންގެ އިހުސާސްތައް އެންމެންވެސް ދެނެގަންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނުވަތަ އަޅުގަނޑުމެންގެ ގާތް ތިމާގެ މީހަކަށް، އެފަދަކަމެއް މެދުވެރިވެފައި ނެތްނަމަވެސް އިންސާނިއްޔަތަށްޓަކައި އެފަދަ މީހުންގެ ކަންކަން އަޅުގަނދުމެން އެންމެންވެސް ދެނެގަންނަންޖެހޭ. ވީމާ އޭޕްރީލް މަހަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާއަށް ހާއްސަ ކުރެވިގެން ހަރަކާތްތަކެއް ހިންގޭ މަހަކަށް ވާހިނދު އެކަމުގެ މައުލޫމާތާއި އެމީހުންގެއިހުސާސްތައް ދެނެގަތުމަށް ތިޔަ ބޭފުޅުންގެ ކޮންމެސް ވަގުތުކޮޅެއް ހޭދަ ކޮށްލުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް،" މެޑަމް ފަޒްނާ ވިދާޅުވިއެވެ.