މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމަށް، މަސީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމާ ގުޅޭގޮތުން ނައިބު ރައީސާއެކު ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން މަސީގެ ބޯޑު މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިމާވާނެ އެކި ގޮޖެހުންތަކާ ގުޅޭގޮތުންވެސް މި ބައްދަލު ވުމުގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ނައިބު ރައީސް ވަނީ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުންނަންވާނެ ހެލްތު އެންޑް ސޭފްޓީ ކަންތައްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސީގެ ބޯޑުން އިސް ނެންގެވުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިކަމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޒުވާނުންނަށް ކޮންސްޓްރަކްޝަން ދާއިރާއިން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް ޒުވާނުން އެދާއިރާއަށް އަހުލުވެރި ކުރެއްވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް މަސީގެ ފަރާތުންއެދިވަޑައިގެންފައެވެ. މީގެ އިތުރުން ސްކޫލު ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގައިދިނުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.