އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓު ހުޅުވާފައި ހުންނާނެ ގަޑިތަކަށް ބަދަލުގެނަސްފިއެވެ.
ހައިކޯޓުން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށްޓަކައި، 2019 އޭޕްރީލް 06 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން އެރޭ ރޭގަނޑު 10:00އަށް ހައިކޯޓުގެ ރެޖިސްޓްރޭޝަން ހުޅުވާފައި ހުންނާނެ ކަމަށެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
ހައިކޯޓުުން ބުނެފައިވަނީ، އިންތިހާބީ ޝަކުވާގެ މައްސަލަތައް، އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ ކޮންމެ މީހަކަށާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީއަކަށާއި އޮބްޒާވަރަކަށް، ނުވަތަ މޮނީޓަރުންގެ އިތުރުން އިންތިޚާބާބެހޭ ކަންކަން ހިންގައި ބަލަހައްޓާ މީހަކަށްވެސް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ހައިކޯޓުން ބުނެފައިވަނީ އިންތީޚާބީ މައްސަލަތައް ހުށަހަޅާނީ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅާ ފޯމުން ކަމަށެވެ. ކޯޓު ހުޅުވާފައި ހުންނަ ގަޑިތައް ފިޔަވައި އެހެން ގަޑިއެއްގައި މި ފަދަ މައްސަލައެއް ހުށަހަޅާ ނަމަ، ހައިކޯޓުގެ ރެޖިސްޓްރޭޝަނާއި ގުޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
"އިންތިޚާބީ މައްސަލަތަކާއި ގުޅިގެން ހައިކޯޓާއި މުއާމަލާތު ކުރުމަށް [email protected] އަށް އީމެއިލް ކުރުމުން ހައިކޯޓުގެ ފަރާތުން އެ ފަރާތަކާ ގުޅައި، އެކަން އޮތްގޮތެއް ސާފުކޮށްދޭނެ،" ހައިކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުން ބުނީ އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަކީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއެކު މައްސަލަ ހުށަހެޅުމަށެވެ. މި ގޮތުން މައްސަލަ ހުށަހަޅުއްވާ ސަބަބާއި، އެކަމުގެ ތަފުސީލް އަދި މައްސަލައާ ގުޅޭ ހެކިތައް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ވެސް ބުނެފައިވެއެވެ.
އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބީ ހުރިހާ މައްސަލައެއް ބަލައި ނިންމަން ޖެހެއެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅާ ފޯމްތައް، ހައިކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.