ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން ކާމިޔާބު ތިން މުބާރާތެއް ނިންމާލާފައިވާ އިރު، މި އަހަރުވެސް ފިރިހެން މުބާރާތުގެ އިތުރުން އަންހެން މުބާރާތް، ފެމީނާ ޗެމްޕިއަންޝިޕަށްވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
މި އަހަރުގެ މުބާރާތަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ފިރިހެން ޑިވިޝަންގައި 15 ޓީމު އަދި އަންހެން ޑިވިޝަންގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތް އޮންނާނީ ޖުލައި މަހުގެ 2 އިން 13 އަށެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވަން ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު "ވަން" އޮފީހުގައެވެ. އެ އިވެންޓްގައި "ވަން"ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑްމިން އަދި މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. މިޔަޓް ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު ހަމީދެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑއަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މިދިޔަ އަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.