އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން
އައްޑޫ ސިޓީގައި މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް މިއަދު ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެތައް ސަތޭކަ ބަޔަކު ނުކުމެއްޖެއެވެ.
ތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޭގެ އިތުރުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، އެ ސިޓީގެ ހުޅުދޫގައި ހުންނަ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ.
އައްޑޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު ފެއްޓެވުމަށް ރައީސް ސޯލިހު މިއަދު ހަވީރު މަރަދުއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެތައް ސަތޭކަ ބަޔަކު ޖަމާވެފައިވާއިރު، އޭގެ ތެރޭގައި ގިނަ ބަޔަކު ތިބީ އެމްޑީޕީގެ ދިދަވެސް ހިފައިގެންނެވެ.
އައްޑޫގެ ބިން ހިއްކަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެނެވެ. އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާއެވެ.
އައްޑޫގެ ބިން ހިއްކުމަށް ވެން އޫޑްއިން ބޭނުންކުރާނީ އެ ކުންފުނީގެ ޑްރެޖިން ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖާ އެޗްއޭއެމް 318 އެވެ.