ޚަބަރު

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިއުލާންކޮށްފި

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިއުލާންކޮށްފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިއުލާންކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި ޓުވީޓަކުންނެވެ.

އިންތިހާބުގެ ވޯޓުލުން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ގައެވެ. އަދި އެދުވަހުގެ ވޯޓު ލުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00ގައެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން، އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ.

މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:000 އަށެވެ. މީގެ އިތުރުން އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން ހެނދުނު 09:30 އިން ހަވީރު 05:30 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މިފަހަރުގެ މަޖިިލިސް އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރައްވާ ކަމަށެވެ. އަދި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.