ޚަބަރު

އޯޓިޒަމް ސެންޓަރގެ ވެބްސައިޓް ލޯންޗް ކޮށްފި

މަރިޔަމް ޝަހުދާ

އޯޓިޒަމް ސެންޓަރގެ ވެބްސައިޓް ރަސްމީކޮށް ލޯންޗް ކޮށްފި އެވެ.

އޯޓިޒަމް ދުވަހާ ގުޅިގެން ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަން ސެންޓަރުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި ވެބްސައިޓް ލޯންޗް ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދެވެ.

މި ވެބްސައިޓާއެކު އޯޓިޒަމް އެސޯސިއޭޝަނާއި ގުޅޭ އެކި މައުލޫމާތު ފަސޭހަކަމާއެކު ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން އެ ސެންޓަރުން ދެމުން އަންނަ އެކި ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި މި މަހުގެ ތެރޭގައި ތުއްތު ކުދިން އޯޓިޒަމް އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މެޑަމް ފަޒްނާ ވަނީ މިއަދުގެ ހަފްލާގެ ތެރެއިން އިފްތިތާހު ކުރައްވައިފައެވެ.

މެޑަމް ފަޒްނާ ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި އޯޓިޒަމް ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނު ކުރުމަށް ބާއްވާ ވޯކްޝޮޕް ވަނީ އިފްތިތާހުކޮށްފައެވެ.

ތިޔަރީ އާއި ޕްރެކްޓިކަލްސް ހިމެނޭ ތަމްރީން ތަކެއް ހިމެނޭ މި ވޯކްޝޮޕް އިފްތިތާހުކޮށްދެއްވާފައިވަނީ އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާޕާސަން އަދި ފައުންޑާ އިލްހާމް ހުސެއިން އެވެ.

މީގެ އިތުރުން މި ހަފްލާގެ ތެރެއިން އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކަށް އެސޯސިއޭޝަނުން ވަނީ ހަދިޔާ ހަވާލުކޮށްފައެވެ. އެގޮތުން މި ހަފްލާގައި ޖުމްލަ 7 ސްކޫލަކަށް ވަނީ ހަދިޔާ ހަވާލުކޮށްފައެވެ.

މި ހަފްލާގައި އޯޓިޒަމް އެސޯސިއޭޝަނާއި ގުޅިގެން ރިވައިވް ފިޓްނަސް އިން ވަނީ އޯޓިޒަމް ސެންޓަރގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސަސައިޒް ޕްރޮގްރާމް އިފްތިތާހު ކޮށްފައެވެ.