ޚަބަރު

ރަސްގެތީމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދައި ހުލިވެއްޖެ

މުހައްމަދު އިޝާން

މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އަލިފާން ރޯވެފައިވަނީ "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަށް ލިބިފައިވަނީ 19:16 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓުގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓުގެ އުތުރުން 3.04 ނޯޓިކަން ބޭރުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ހޮރައިޒިއާ 2" ބޯޓުން ދަތުރުކުރި 10 މީހުން ފޯ ސީޒަން ރިސޯޓުގެ ލޯންޗަކަށް ނަގާފައިވާ ކަމަށާއި އެ 10 މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޅ. މާފިލާފުށި ކޯސްޓްގާޑު ހާބާ ކްރާފުޓު ލޯންޗު މިހާރު ދަނީ "ހޮރައިޒިއާ 2" އޮތް ސަރަހައްދަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.