ބިލްތައް ފާސްކުރުމަށް މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އެކަން ނިންމުމަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މިރޭ މާލޭގައި ކުރިއަށްދިޔަ އެޖެންޑާ 19 ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް މަޖިލީހުން ފާސްކުރާ ގާނޫނުތަކަކުން ބާރުލިބިގެން ނޫނީ ސަރުކާރަށް ނުކުރެވޭނެ ބައިވަރު ކަންކަން ހުރި ކަމަށެވެ. އަދި މި ސަބަބަށްޓަކައި މަޖިލީހުގެ ތާއީދު ސަރުކާރަށް ބޭނުންވާ ކަމަށާއި މިއަދު ނުކުމެ ތިބީ އެ މެޖޯރިޓީ ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ ތަރައްގީ ކުރުމަށް ބާރުތަކެއް ދޫކޮށްލަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިކަމަށް ހާއްސަކޮށްގެން ކައުންސިލްތައް ބަރުވެރިކުރުވާ ގާނޫނެއް ޑްރާފްޓް ކުރުމަށް ފަހު މަޖިލީހަށް ހުށަހަޅާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގައި ތިބީ އެކަން ގަބޫލުނުކުރާ ބައެއް ކަމަށާއި، މަޖިލީހުގައި އެކަން ގަބޫލު ނުކުރާ ބަޔަކު ތިބިހާ ހިނދު ކިތަންމެ ވަރަކަށް ބިލް ޑްރާފްޓުކުރުމަށް ފަހު މަޖިލީހަށް ހުށަހެޅި ނަމަވެސް އެ ބިލް ފާސްނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުން ބިލްތައް ފާސް ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ޑްރާފްޓް ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ ފޮނުވާފައިވާ ހުރިހާ ބިލެއް ހިފަހައްޓާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ނިންމުމަށް އެންމެން ނުކުތުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ގައުމު ހިންގުމަށް ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.