އއ. މަތިވެރި ގެސްޓް ހައުސްއަކުން 70 އަށް ވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މި ބަނގުރާ ފުޅިތައް އަތުލައިގަނެފައިވަނީ މިރޭ 21:00 ހާއިރު މަތިވެރީގެ ގެސްޓް ހައުސްއެއްގައި ރަލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެސްޓްހައުސް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ގެސްޓް ހައުސްތެރެ ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތުދެމުން ފުލުހުން މައުލޫމާތު ދިން ގޮތުގައި 70 އަށް ވުރެ ގިނަ ބަނގުރާ ފުޅީގެ އިތުރުން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ވަނީ އެ ގެސްޓް ހައުސްގެ ތެރެއިން ފެނިފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.