ރައްޔިތުންނަށް ހަމަނޭވާ ލެވޭނީ ގައުމުގެ ހަޒާނާއިން ވައްކަން ކުރި މީހުން ހިފާ ހައްޔަރުކޮށް، ޖަލަށް ލެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ މާލޭގައި މިރޭ ކުރިއަށް ދިޔަ އެމްޑީޕީއިން މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި އައިޖީއެމްއެޗް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް ނިސްބަތް ކުރައްވާ ރައީސް ވިދާޅުވީ އެ އިމާރާތަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް ބިނާކުރެވިފައިވާ ބިނާއެއް ކަމަށެވެ.
އެގޮތުން އެ އިމާރާތުގެ އަސްލު އަގަކީ 54 މިލިއަން ޑޮލަރު ނަމަވެސް އެ އިމާރާތް ހެދުމަށް 144 މިލިއަން ޑޮލަރު ހަރަދު ކުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހަރަދުގެ އިތުރުން ދައުލަތުގެ ބަޖެޓުން އިތުރު 80 މިލިއަން ނަގައި، މުޅިއަކު 220 މިލިއަން ޑޮލަރު އިމާރާތް އެއްކޮށް ނިންމުމަށް ހޭދަކުރިކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ އިމާރާތުގެ އެޑްވައިސަރަކާ ދިމާވެ ދެކެވުނު ވާހަކަތައް ރައީސް ވަނީ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ ބިޑު ހުށަހެޅުމުން އެއީ ގޯސް ބިޑެއްކަމާއި އެއީ 54 މިލިއަން ޑޮލަރަށް ހެދޭނެ އިމާރާތެއްކަމަށް ބުނެ އެޑްވައިސް ކުރިކަމަށް އެމީހާ ބުނި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމީހާ ބޭނުން ކުރި އެކި ރިޕޯޓުތަކާއި ލިޔެކިޔުންތައް ރައީސްއަށް އެމީހާ ފޮނުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުވި މީހުންނާ ދިމާވެ ދެކެވުނު ވާހަކަތައްވެސް ރައީސް ހިއްސާ ކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ އިމާރާތް ކުރި ފަރާތަށް ބިލްޑިންގ އިމާރާތް ކުރެވިފައިވަނީ ކިހިނެއްތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި މިގޮތަށް އެމީހުންނާ ސުވާލު ކުރެއްވީ އެތަނަށް ވެއްދުމަށް ގެނައި އިކުއިޕްމަންޓުތައް އެތަނަށް ނުވެއްދި، އިކުއިޕްމަންޓްތައް ވެއްދުމުން ކޮޓަރިތަކުގެ ދޮރު ނުހުޅުވޭތީ ދޮރުތައް ސްލައިޑިންގް ދޮރަށް ބަދަލު ކުރަން ޖެހުމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިސުވާލަށް ރައްދު ދެމުން އެ ބިލްޑިންގ އިމާރާތް ކުރި ފަރާތުން ހާމަކުރިގޮތުގައި އެތަން ޑިޒައިން ކުރީ އެތަނުގެ އިކުއިޕްމަންޓައް ގަންނާނީ ގޯލްޑަން ސްޓޭންޑަޑްގެ އިކުއިޕްމަންޓް ކަމަށް ހަމަޖައްސި ނަމަވެސް، މިހާރު ގެނެސްފައި ހުރި އިކުއިޕްމަންޓަށް އަރާނީ 80 މިިލިއަންގެ ތެރެއިން 23 މިލިއަން ޑޮލަރެވެ. ނަމަވެސް އިކުއިޕްމަންޓްތައް ވެއްދުމުން ދޮރު ނުހުޅުވި، އިތުރު ހަރަދެއްކޮށްގެން ދޮރުތައް ބަދަލު ކުރަން ޖެހުނީ މާކުރީގެ ބޮޑެތި ސައިޒުގެ މެޝިންތަކެއް އެތަނަށް ގެނެސް ވެއްދުމުން ކަމަށް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރި މީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރަން ޖެހުނީ މިފަދަ ކަންކަން ގަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ވައްކަން ކުރި މީހުން ހިފާ ހައްޔަރުކޮށް، ޖަލަށް ލެވިގެން ނޫނީ ރައްޔިތުންނަށް ހަމަނޭވާ ނުލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.