މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 15ގައި ބާއްވަން ނިންމައިފި އެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ކުރިއަށް ދާނީ ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށްވެސ އެކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މިޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިޖަލްސާގައި ބައިވެރިވެވޭނީ 12 އޭޕްރީލް 2023 ގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް ބުންޏެވެ.
އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެހާ ހިއްސާދާރުން 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށާއި ޖަލްސާގައި ބައިވެރިވުމަށް، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (infinity.mv) މެދުވެރިކޮށް، ނުވަތަ އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް (sop.mtcc.com.mv) މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.