ޚަބަރު

"މިދިޔަ ސަރުކާރުން ހަދަން ފެށި ފްލެޓުތަކުގެ ކޮޓަރިތަކުގައި އެނދަކާއި އަލަމާރިއެއް ބަހައްޓާނެ ޖާގައެއް ނެތް"

މަރިޔަމް ޝަހުދާ

1

މިދިޔަ ސަރުކާރުން ހަދަން ފަށާފައިވާ ފްލެޓުތަކުގެ ކޮޓަރިތަކުގައި އެނދަކާއި އަލަމާރިއެއް ބަހައްޓާނެ ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ މާލޭގައި ކުރިއަށްދިޔަ އެމްޑީޕީއިން މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ކުރިމަތިލާ ކެނޑިޑޭޓު ހިސާން ހަސަންގެ ކެމްޕެއިން ޖަލްސާގާއި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން 7000 ފްލެޓު ރައްޔިތުންނަށް ވަނީ ބަހާލައިފައެވެ. ނަމަވެސް މި ފްލެޓުތަކުގެ ކޮޓަރިއެއްގައި ހުންނަނީ އަށް ފޫޓު، ނުވަ ފޫޓު ކަމަށާއި މި ކޮޓަރިތަކަށް އެނދެއް ވެއްދުމަށް ފަހު އަލަމާރީއެއްހާ ހިސާބުވެސް ބަހައްޓާނެ ޖާގަ ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ކުދި ކޮޓަރިތަކުގައި މީހުން އުޅޭނީ ކިހިނެތްތޯ ރައީސް ސޯލިހު ވަނީ ސުވާލު އުފައްދައިފައެވެ.

މީގެ އިތުރުން އެ ފްލެޓްތަކަކީ ބޭނުމެއް ކުރެވޭނެ ތަނެއް ނޫންކަމަށް ބުނެ އެ ފްލެޓްތައް ތަޅާލަން އިކޮނޮމިކް ކޮމިޓީގައި ވިދާޅުވިކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ހުރި ފްލެޓްތަކަށް ވުރެ އެތަން ތަޅާލުމަށް ފަހު އަލުން ފްލެޓް އެޅުންވެސް މާރަނގަޅު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު މި ފްލެޓްތަކަށް ވަދެ އެތާގައި މީހަކު ދިރިއުޅޭނެ ގޮތެއް ނޭނގޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފްލެޓްތަކުންވެސް ފެންނަނީ ކުރީ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވެފައިވާ ހިޔާނާތްތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވިގޮތުގައި އެމްޑީޕީއިން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރަނީ މިކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ތަފާތުކަމެއް ނެތި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްތައް ބެހުމުގައި އޮޅުވާލައި، ބޭނުން ބަޔަކަށް ފްލެޓްތައް ބެހި ބެހުން ހޯދައި، އެކަމަށް އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނެސް، ރައްޔިތުންގެ ތެރެއިން އެ ފްލެޓްތައް ހައްގުވާ ފަރާތްތަކަށް އެ ފްލެޓްތައް ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟