ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ގިނަ ވައުދުތަކެއް ނޮޅިވަރަންފަރަށް

ހދ. ނޮޅިވަރަންފަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލިސް ކެމްޕެއިން ދަތުރުފުޅެއްގައި ތިލަދުންމައްޗަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.

އެގޮތުން ނޮޅިވަރަންފަރުގައި މަގުތައް ހެދުމާއި ޓޫރިޒަމްގެ ހާއްސަ ސަރަހައްދެއް ކަނޑައަޅައި ގެސްޓްހައުސް އެޅުމަށް އެސްއެމްއީ ބޭންކުން ލޯނު ދިނުމާއި ސުކޫލު ތަރަައްގީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކައި މަޖިލިސް މެމްބަރުންގެ ތާއީދު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ދާއިރާގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގައި ސަރުކާރުގެ ކެންޑިޑޭޓުގެ އެއްބާރުލުން ލިބޭނަމަ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަލީއަށް ވޯޓް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.