އއ. ހިމަންދޫގެ ބަނދަރު ހެދުމުގެ މަޝްރޫއާއި ބ. އޭދަފުށީގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މި ދެ މަޝްރޫއެއްގައި އެމްޓީސީސީއާއެކު ސޮއިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން ހިމަންދޫގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 43،687،336.57 ރުފިޔާގެ ބަޖެޓަކާއެކު 350 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެގޮތުން ހިމަންދޫގެ ބަނދަރު ފުންކުރުމުގެ އިތުރުން، އެ ސަރަހައްދުގައި ލައިޓް ޖަހައި ބަނދަރުގެ ރޭމްޕް އެ މުއްދަތުގެ ތެރޭ ނިންމުމަށް އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން 497 މީޓަރުގެ ބޭރު ތޮށްޓަކާއި، 372 މީޓަރުގެ އެއްގަމު ތޮށްޓެއްގެ އިތުރުން 110 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އޭދަފުށީގެ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 24،674،153.16 ރުފިޔާގެ ބަޖެޓަކާއެކު 240 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައި މަގުބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ތާރު އެޅުމަށް ހަމަޖެހިފައިވަނީ 3.3 ކިލޯ މީޓަރު ދިގުމިން ހުންނަ މަގެއްގައެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ހުސައިން މޫސާ އެވެ. އަދި މިނިސްޓްރީގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.