އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ބޯޑަށް ބޭފުޅަކު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އިއްޔެ އައްޔަންކޮށްފި އެވެ.
އޭއައިއޭގެ ބޯޑަށް އައްޔަން ކުރީ ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރު އެވެ. ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަންކުރީ މއ. ނޫރީ ލަމްޔާ އިބްރާހިމް އެވެ.
އެ ދެ ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.
އޭއައިއޭ އަށް އައްޔަން ކުރި ޝަޒުރާ އަކީ މިހާރު އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެވެ. ޝަޒުރާ ކުރިން ވަނީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު އެޑްމިނިސްޓްރޭޝަންގެ މަގާމު ފުރުއްވައިފަ އެވެ.
ސަޒުރާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފައެވެ.
ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަން ކުރި ލަމްޔާއަކީ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު ކަމާއި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭގެ އިތުރުން ހަޒާނާ މޯލްޑިވްސް އާއި އާބަންކޯ (ކުރީގެ އެޗްޑީސީ) ގެ ބޯޑު މެމްބަރުކަން ވެސް ފުރުއްވިއެވެ.
ލަމްޔާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ބެޗްލާ ޑިގްރީ ހާސިލުކުރައްވައިފައެވެ.