ޚަބަރު

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުުމުގެ އިތުރު އަމުރެއް އެބައޮތް ކަމަށް ބުނަން ފަށައިފި

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން އިއްޔެ ބާތިލްކޮށް އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ދޫކޮށްލައިފައެވެ.

ނަމަވެސް ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އިތުރު އަމުރެއް އެބައޮތް ކަމަށް މިއަދު މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ.

ބައެއް މީޑިޔާތަކުން ބުނެފައިވަނީ، އެކައުންޓްތައް ފްރީޒް ކުރުމަށް ނެރެފައި މިހާރު އޮތް އަމުރަކީ، ފުރަތަމަ އަމުރުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހަށް ހަމަވާތީ ފުލުހުން ހޯދާފައިވާ ދެވަނަ އަމުރެއް ކަމަށެވެ.

އެހެންކަމުން އިއްޔެ ހައިކޯޓުން ނެރުނު އަމުރުން ބާތިލް ވެފައިވަނީ، އެކައުންޓަށް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

މި މައްސަލައާ ބެހޭގޮތުން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެކައުންޓްތައް ފްރީޒް ކުރުމަށް ފަހުން ނެރުނު އަމުރުވެސް އިސްތިއުނާފަށް ހުށަހެޅުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ނިންމަވައިފައެވެ.

ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެކައުންޓްތައް ފްރީޒް ކުރުމަށް ކޯޓު އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 އަދި 73 ގައި ބުނާ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވާތީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަނޑިޔާރުގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށެވެ.