ވެމްކޯގެ އަންހެން މުވައްޒަފުން ވިހެއުމުން ހަމަސް ދުވަސް، އަދި ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމުން އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
ވެމްކޯއިން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެމްކޯއިން ބޭއްވި 55 ވަނަ ބޯޑް ބައްދަލުވުމުގައި، ބަލިވެ އިނުމާއި ވިހެއުމުންދޭ ޗުއްޓީއަށް ބަދަލު ގެނައުމަށް ފާސްކޮށްފައިވާކަމަށެވެ.
އެގޮތުން މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، ސެޓްފިކެޓްގައި ބުނާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމަަނައިގެން މުސާރައާއެކު ހަ މަސްދުވަހުގެ ޗުއްޓީއެއް ދޭނެ ކަމަށް ބުނެފައިވެއެވެ.
އަދި ވެމްކޯގެ ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރައާއެކު ބަންދު ދުވަސްތައް ހިމަނައިގެން އެއްމަސްދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށް ބުނެފައިވެއެވެ.
އަދ އެބަދަލާއެކު ވިހެއުމާއި ގުޅިގެން ޗުއްޓީގައި ތިބި މުވައްޒަފުންނާއި ޗުއްޓީ ނިންމާފައިވާ މުވައްޒަފުންގެ ތެރެއިން ދަރިފުޅަށް ހަ މަސް ނުފުރޭ އަންހެން މުވައްޒަފުންނަށް ދަރިފުޅަށް ހަ މަސް ފުރެންދެން ޗުއްޓީ ދިނުމަށް ނިންމާފައިވާކަމަށް ވެމްކޯއިން ބުނެއެވެ.
މީގެއިތުރުން ފިރިހެން މުވައްޒަފުންގެ ތެރެއިން ދަރިފުޅަށް އެއްމަސް ނުފުރޭ މުވައްޒަފުންނަށް ދަރިފުޅަށް އެއްމަސް ފުރެންދެން އެއްމަހުގެ ޗުއްޓީއެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.