ޚަބަރު

ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އަތޮޅުގެ ރައްޔިތުން ސަރުކާރާ މެދު ފާޅުކުރި އިހުލާސްތެރި ޝުއޫރުތަކަށާއި ދެންނެވި މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ފ. އަތޮޅުގެ ރައްޔިތުން ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މި ސަރުކާރުން ދެމިތިބޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދަރަނބޫދޫ ބަނދަރު ހުޅުވައިދެއްވައިފައެވެ. އަދި މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފުތިތާހުކޮށްދެއްވައި އެ ރަށުގައި އަލަށް އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވައިފައެވެ.

ބިލެތްދޫގެ ފެނަކަގެ އާ އިންޖީނުގޭގެ އާ އޮފީސް އިމާރާތް ހުޅުވައިދެއްވުމުގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ، ބިލެތްދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ހުޅުވައިދެއްވައިފައެވެ، އަދި ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގޭގެ އާ އޮފީސް އިމާރާތާއި އައިސްޕްލާންޓް ވެސް ރައީސް ވަނީ ހުޅުއްވައިދެއްވައިފައެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ރަށްރަށުގެ ތަރައްގީއަށް ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވައި ބައެއް މުއައްސަސާތަކަށް ވެސް ޒިޔާރަތްކުރައްވައިފައެވެ.

ފ. އަތޮޅަށް ކުރެއްވި ދަތުރުގައި ރައީސްގެ ދެކަނބަލުން ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުންގެ ހުރި ކަންބޮޑުންތައް އޮޅުންފިލުއްވައިފައެވެ.