ޚަބަރު

ބޮމުގެ ހަަމަލާގެ މައުލޫމާތު ރައީސަށް އެނގިވަޑައިގަންނަވާ ކަމަށްބުނެ އެ ހަދަނީ ދޮގު: މިއުވާން

އިބްރާހިމް ޒަކީ

ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ހައްދަވަމުން ގެންދަވަނީ ބޮޑު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް، ކެނެރީގޭގެ އިތުރުން މޭރީބްރައުން އާއި ޔާގޫތުގެ ކައިރީގައި ބޮމެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އެނގިފައި އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންގެ ތެރެއިން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް އިއްޔެ ވިދާޅުވީ، މެއި ހައެއްގެ ހަމަލާގެ ކުރިން ސީދާ އެ މައުލުމާތު ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"241 ކޮމިޓީން ހިންގި އިންކުއަރީގައި ސާފުކޮށް އެބައޮތް އެނގެން، ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަަހއްޓާފައި އެ ސައިކަލުގައި ބޮމެއް ހަރުކޮށްފައި ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ ގަޑީގައި އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނުކަމުގެ މައުލޫމާތު ރައީސުލްޖުުލްމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލުމާތު،"

ނަމަވެސް އެކަން ނުހުއްޓުވުނު ކަމަށާއި އެނޫން ތަންތަނުގައި ބޮން ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތުވެސް ސަރުކާރަށް އެނގޭ ކަމަށްވެސް ހަސަން ލަތީފު ވިދާޅވިއެވެ.

ހަސަން ލަތީފުގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، (ބޮންޑޭ) އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ އިތުރުންވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް މެންބަރުން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ވަނީ އަޅުވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު މިއަދު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، އެ މެންބަރުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ މަޖިލިސް ތަޅުމުގައި މެންބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ހިމާޔަތުގައި ހަދާ ދޮގުތަކެއް ކަމަށެވެ.

"ހާއްސަކޮށް މެއި ހައެއްގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ވާހަކަ ރައީސަށް ކުރިއާލާ އެނގޭ ކަމާއި، އެކަން ކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ދޭހަވާގޮތަށް ދެއްކި ވާހަކަތަކަކީ އެެއްގޮތަކަށްވެސް އެކަމުގައި ހަގީގަތެއް ހިމެނޭ ވާާހަކަތަކެއް ނޫން، ކަނޑައެޅިގެން ދޮގު،"

މިއުވާމް ވިދާޅުވީ އެކަމަކީ، "މެއި ހައެއްގެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި، ބަޔަކަށް ގެއްލިފައި އޮތް ސިޔާސީ ތާއީދު އަނބުރާ ހޯދިދާނެކަމަށް ދެކިގެން ދައްކާ ވާހަކަތަކެއް،" ކަމަށެވެ.

އެކަމުގައި ހަގީގަތެއް އޮތްކަމަށްވާ ނަމަ، އެމީހުން އެ ވާހަކަދައްކާނީ މި ދެ ތިންދުވަހު މަޖިލިސް ތަޅުމުގައި ނޫން ކަމަށާއި މީގެ ކުރިން އެހެން ޕްލެޓްފޯމުތަކުގައިވެސް އެ ވާހަކަތައް ދެއްކީސް ކަމަށްވެސް ވިދާޅުވިއެވެ.

"ހަމައެކަނި އިމްތިޔާޒުގެ ހިމާޔަތުގައި ތިބެގެން އެ ވާހަކަތައް ދައްކަނީ، ސާބިތުކޮށްދޭންޖެހޭ ޕްލެޓްފޯމެއްގައި އެ ވާހަކަަތައް ނުދައްކަނީ ކީއްވެގެންތޯ ސުވާލު އުފެދޭ. މަޖިލީހުން ބޭރުގައި އިމްތިޔާޒު އެ ލިބޭތަނުން ބޭރުގައި އެފަދަ ނުރައްކާތެރި، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި، ބައިބައިވުން އުފެދޭ ފަދަ ވާހަކަތައް ދައްކައިފިނަމަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބަލާނަން،" ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.