ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން މި އަހަރުގެ ރޯދަމަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޓީ ޖެޓީން ރޯދަ މަހު ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ އެ ރެސްޓޯރެންޓުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ރޯދަ ހަދިޔާގެ ގޮތުގައި އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނެކެވެ.
"ޓީ ޖެޓީ" ރެސްޓޯރެންޓުގެ ވެރިޔާ އަބްދުﷲ ވަހީދު (ވައްޑޭ) ވިދާޅުވި ގޮތުގައި، ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ކޮންމެ އަހަރަކު ރޯދަ ހަދިޔާގެ ގޮތުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އެ ރެސްޓޯރަންޓް ހުޅުވުމަށްފަހު ކަނޑައެޅި އެންމެ ބޮޑު އަޒުމެވެ.
އެގޮތުން މި އަހަރުގެ ޕްރޮމޯޝަނުން ހޮވި އުމްރާ ދަތުރު ލިބުނީ ފ. ބިލެތްދޫ/ ސަޒިއްޔާމަންޒިލް، އަމީރު އަބްދުލްއަޒީޒަށެވެ. އޭނާއަށް ރަމްޒީކޮށް އުމްރާ ދަތުރު ހަވާލުކުރީ ރޭ "ވަން" އޮންލައިންގެ ސްޓޫޑިއޯގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
ޓީ ޖެޓީން ބުނާ ގޮތުން، އެ ރެސްޓޯރެންޓުން ދޭ މި އުމްރާ ދަތުރަކީ ގުރުއަތުން ހޮވޭ ފަރާތުން ދާން ބޭނުން އިރަކަށް ހަމަޖައްސައި ދޭ ދަތުރެކެވެ.