ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު ބޭރަށް ކުރެއްވި ދަތުރުފުޅުތަކުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެ

ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 1.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ހިލޭއެހީގެ ގޮތުގައި އިންޑިއާއިން 771 މިލިއަން ރުފިޔާ، ޔޫއޭއީން 771 މިލިއަން ރުފިޔާ އަދި އެމެރިކާއިން 308 މިލިއަން ރުފިޔާ ދީފައިވެއެވެ.

އަދި ހުސްވި މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގަތް ދަތުރުގައި އެ ގައުމުން 100 މިލިއަން ރުފިޔާ ހަމަޖައްސައި ދެއްވި ކަމަށް ވެސް ބުނެފައިވެއެވެ. ފޮރިން މިނިސްޓްރީން ބުނީ މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިލޭ އެހީ ހޯދި މިންވަރަށް ބަލާއިރު، ވޭތުވެދިޔަ ފަސް އަހަރުގައި ވެސް އެއަދަދަށް އެހީ ހޯދިފައި ނުވާކަމަށެވެ.

އަދި މީގެ ކުރިން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ހިލޭއެހީ ދެނީ ލޯނެއް ނުވަތަ އެހެން ކަމެއް ކުރިމަތި ކުރުވާފައި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެފައިވަނިކޮށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އިންޑިއާއާ އެކު ގުޅުން ބަދަހިކޮށްފައެވެ. އެގޮތުން ރާއްޖެއިން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓްގައި ދަތުރުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އަދި ވިސާގެ ލުއި ފަސޭހަގޮތްތަކެއް ހަމަޖެހިގެން ދިޔައިރު، އިންޑިއާއިން ހިލައާއި ހިލަވެލީގެ އިތުރުން ބައެއް ބާވަތްތަކުގެ ކާބޯތަކެތި އެތެރެކުރުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ.