ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވޯޓު ދިން 96000 ރައްޔިތުންގެ ތެރެއިން ބަލި ގަބޫލުކުރައްވަން ނޭނގެނީ އެންމެ ބޭފުޅަކަށް ކަމަށާއި އެއީ ރައީސް ޔާމީން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ދިން ރައްޔިތުންގެ ތެރެއިން 95999 ރައްޔިތުންނަކީ ބަލީވިމަ ބަލިގަބޫލުކުރަން ދަންނަ ރައްޔިތުން ކަމަށެވެ.
"އޭގެ ތެރެއިން އެންމެ ރައްޔިތެއް ހުރެދާނެ ބަލިވީމަ ބަލިގަބޫލުކުރަން ނޭނގޭ. ބަލިގަބޫލުކުރަން ދަސްކުރަން ޖެހިވަޑައިގެންފަ ހުރި ބޭފުޅެއް. އެއީ ރައީސް ޔާމީން. އެހެން ބޭފުޅުންނެއް ނޫޅުއްވާ އެކަމަކާ ކަންބޮޑުވެގެންނެއް،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ރައީސް ޔާމީނަށް ވޯޓު ދިން ރައްޔިތުންނަށް އިންތިހާބުގައި މައްސަލަތަކެއް ނޫޅޭކަން ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓަށް އެ މައްސަލަ ލެއްވީމަ އޭގައި ހުރި ވާހަކަތައް ރައްޔިތުންނަށް އަޑުއިވުނީމަ އޭގެ ފަހުން މާބޮޑަށް ސާފުވެއްޖެ މީގައި ގޯސްތަކެއް ހިނގައިގެން އުޅެނީކީ ނޫންކަން. ޕީޕީއެމްއަށް ތާއިދުކޮށް ރައީސް ޔާމީނަށް ވޯޓު ދެއްވި ބޭފުޅުންނަށް ވެސް މާ ބޮޑަށް ސާފުވެއްޖެ،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ އިންތިހާބާ ގުޅޭ މައްސަލައިގެ އަޑުއެހުންތަކުގައި ރައީސް ޔާމީންގެ ވަކީލުންނަށް އެންމެ ހިސާބު އަދަދެއްވެސް ވިދާޅުވެވިފައި ނުވާ ކަމަށާއި 38000 ވޯޓު އޮޅުވާލި ގޮތެއް ވެސް ވިދާޅުވެވިފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލައިފައެވެ. ދެން އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.