ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވައުދުވި ގޮތަށް، މިއަދުން ފެށިގެން ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް އެއްއަގެއްގައި ލިބޭނެ: ރައީސް

އިބްރާހިމް ޒަކީ

ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްްގައިވެސް ކާޑުގެ ބާވަތްތައް މާލެއެކޭ އެއް އަގެއްގައި ގަންނަން ލިބޭނެ ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެޕްރީލް އެކަކުން ފެށިގެން މާލެ އެކޭ އެއް އަގެއްގައި އަތޮޅުތަކުގެ ރަށްރަށުން ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވެ ވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އެސްޓީއޯއިން މިއަދު ވަނީ ހުރިހާ ރަށެއްގައި ހަނޑޫ، ހަކުރު، އަދި ފުށުގެ އަގު އެއް ހަމައަކަށް ގެނެސްފައެވެ.

އެކަމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑު ވައުދުވި ގޮތަށް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްްގައި ވެސް ކާޑުގެ ބާވަތްތައް މާލެއެކޭ އެއްް އަގެއްގައި ބައްލަވައި ގަނެވޭނެ. މި މަސައްކަތުގައި އެސްޓީއޯގެ މެނޭޖްމެންޓް އަދި ސްޓާފުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަަވަން،" ކަމަށެވެ.

އެސްޓީއޯއިން ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތަކުގެ އަގު ހަމަ އަގަށް ގެނަސްފައިވަނީ ރަށްރަށުގައި ކާޑުގެ އެޖެންޓުން ގާއިމްކޮށް ރަށްރަށަށް ކާޑު ގެންދަން ދައްކަންޖެހޭ ނާލު ފައިސާ އާއި މަޖޫރީ ފައިސާ އެސްޓީއޯއިން ދައްކާގޮތަށް ހަމަޖައްސައިގެންނެވެ.

މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ރައީސުލް ޖުމްހުރިއްޔާ ވައުދުވެވަޑައިގެންފައިވަނީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމަށްފަހު ދެއްވި ރިޔާސީ ބަޔާނުގައެވެ.