ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީން ހދ. ނޮޅިވަރަންފަރުގައި މިއަދު ބޭއްވި "އެޖެންޑާ 19" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އޭގެތެރެއިން ފެނާއި ނަރުދަމާ އަދި ބޯހިޔާވަހިކަމުގެ ދަތިކަން އޮތީ އިންތިހާއަށް ބޮޑުކޮށް ކަމަށެވެ.
"ތަރައްގީއެއް ވާނީ ތަނަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރަތަމަ ފުރިހަމަކޮށްދީގެން. ރައްޔިތުންނަށް ހަމަނޭވާ ލެވިގެން. ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ ގޮތް ހޯދައިދީގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދިނުމުގެ މަސައްކަތަކީ ވެފައިވާ ވައުދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.