ޓެކްސީ ތަކުގައި ޑޭޝް ކެެމެރާ ހަރުކޮށް ހިދުމަތް ދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ލާޒިމުކޮށް ޓެކްސީ ގަވާއިދަށް މިދިޔަ އަހަރު ގެނައި އިސްލާހަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ހިދުމަތް ދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކުރަންޖެހޭ ގޮތަށް ޓެކްސީ ގަވާއިދަށް އިސްލާހު ގެނެސް ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރީ އޮގަސްޓް 23، 2022 ގައެވެ.
ހަ މަސްފަހުން އެ އިސްލާހަށް އަމަކުރަން ފަށާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ތިން މަހަށް ފަސްކޮށް، މިނިސްޓްރީން ވަނީ އިތުރު އިސްލާހެއް ގެނެސްފައެވެ. ފަހުން ގެނައި އިސްލާހާ އެއްގޮތަށް އެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށް ބަޔާންކޮށްފައި އޮތީ މިއަދުން ފެށިގެންނެވެ.
އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި ޑްރައިވަރާއި ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް ހިދުމަތް ދޭ ހުރިހާ ވަގުތު ތަކެއްގައި ކެމެރާއިން މަންޒަރުތައް ރިކޯޑުކުރުން ލާޒިމްވާނެއެވެ. އަދި ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި ވަކި މިންގަނޑުތަކެއް ހުންނަންޖެހެއެވެ. އެ މިންގަނޑުތަކަކީ؛
އޭގެ އިތުރުން ޓެކްސީގެ ބިއްލޫރި ކަޅު ކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޓެކްސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑާއި އުސޫލުތަކުގެ ތެރޭގައި ޓެކްސީ ކުރާ ކޮންމެ ކާރެއްގައިވެސް ދަތުރުތަކުގެ އަގު ލިސްޓާއި ޓެކްސީ ޑްރައިވަރުގެ ލައިސަންސް، ޕަސިންޖަރަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެއެވެ. އަދި އެކަށީގެންވާ މިންގަނޑަކަށް އުޅަނދު ސާފުތާހިރުކޮށް ބެހެއްޓުމާއި ޓެކްސީ ކާރުތައް އެއާކޮންޑިޝަން ކުރަންޖެހޭ ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކޮންޑިޝަން މަސައްކަތް ނުކުރާނަމަ، އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ދަތުރެއް ކުރަމުންދާ އިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށް ވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެއް ކަމަށާއި އަދި ސައިކަލް ޓެކްސީ ޑްރައިވަރުން ހިދުމަތްދޭ ވަގުތުތަކުގައި ޓެކްސީ ސެންޓަރުގެ ލޯގޯ ޖަހާފައި ހުރި ހެދުމެއް ލާން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
"ޓެކްސީ ގަވާއިދު" ގެ ދަށުން ވަނީ "ޕްރައިވެޓް ހަޔާ" ގެ ހިދުމަތް ހުއްދަކޮށްފައެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.
"ޓެކްސީ ގަވާއިދު" އާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކޮށްފިނަމަ، ޖޫރިމަނާކޮށް އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީ އަށް ލިބިގެންވާ ކަމަށްވެސް ގަވާއިދުގައިވެއެވެ.