ޚަބަރު

ބަންޑާރައިން ގޯތި ދިނުމަކީ ދުރު މުސްތަގުބަލަށް ބަލާއިރު ތާއަބަދަށް ކުރެވޭނެ ކަމެއް ނޫން: އަސްލަމް

އިބްރާހިމް ޒަކީ

ބަންޑާރައިން ގޯތި ދިނުމަކީ ދުރުމުސްތަގުބަލަށް ބަލާއިރު ތާއަބަދަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ބަންޑާރަގޯތި ދިނުމާ ގުޅޭ ގޮތުން މިިނިސްޓަރު އަސްލަމާ ސުވާލުކުރައްވަމުން މަހިނބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ، ރާއްޖޭގައި ބަންޑާރަގޯތި ދޭ އުސޫލަކީ ދުނިޔޭގައި ކަންތައްތައް ހިނގާގޮތެއް ނޫން ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ފަޅު ހިއްކައިގެން މީހުންނަށް ހިލޭ ބަންޑާރަ ގޯތި ދެއްވާ ވާހަކަ މިހާރުވެސް މިނިސްޓަރު ދައްކަވަމުން ގެންދާ ވާހަކައެއް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މިިނިސްޓަރު ވިދާޅުވީ، އެގޮތަށް ގޯތި ދިނުމުގެ އުސޫލަކީ ބޯދާ ޒަމާނުއްސުރެ ހިނގަމުން އަންނަ އުސޫލެއް ކަމަށާއި އޭނާގެ އަމިއްލަ ވިސްނުމުގައި އެއީ ރަނގަޅު އުސޫލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނަމަވެސް އެކަމަކީ އެންމެ މީހެއްގެ ވިސްނުމަށް ބަދަލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމާ އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި އެއީ އެންމެންނަށްވެސް ގަބޫލުކުރެވޭ ކަމެއް ކަމަށްވަންޏާ އެކަމެއްް ކުރެވޭނީ، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން މިއީ ސަސްޓެއިނަބަލް ގޮތަކަށް ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވެއްފެނޭ ދުރު މުސްތަގުބަލަކަށް ބަލާއިރު، އެހެންވީމަ އެގޮތަށް ބަންޑާރައިން ގޯއްޗެއް ނުވެއްދެވޭނެ ތާއަބަދަކަށެއް،" އަސްލަމް ވިދާޅުވިއެވެ.