ދިވެހި ބަހުގެ އެކަޑެމީ

400 އަށްވުރެ ގިނަ ބައިވެރިންނާއެކު 34 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތް ފަށައިފި

އަހުމަދު ޖައިޝަން

އިބްރާހީމް ޝިހާބުގެ ތަށްޓަށް ވާދަކުރާ 34 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތް، 400އަށްވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފަށައިފި އެވެ.

ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް މިއަދު ފެށިއިރު ދިވެހި ބަހުގެ އެކަޑަމީން ބުނީ މިއަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ވާހަކަ ދެއްކުމުގެ މުބާރާތް ކަމަށެވެ.

މިއަހަރުގެ މުބާރާތް އެހެން އަހަރުތަކާ ހިލާފު މުބާރާތަކަށް ވެގެންދާނެ އެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ޕްރީ ސްކޫލުގެ އުމުރުފުރައިން ފެށިގެން ކުދީން ބައިވެރިކޮށްފައިވެއެވެ. މި މުބާރާތް ވަނީ ހަތަރު ބަޔަކަށް ބަހާލައިފައެވެ. އެއީ ސްކޫލުތަކުގެ ބަޔާއި މަތީ ތައުލީމުގެ ބަޔާއި 18 އަހަރުން މަތީން އަމިއްލަ ފަރާތްތަކުގެ ބައިގެ އިތުރުން އޮފީސް ނުވަތަ ކުންފުނި އަދި ޖަމިއްޔާތަކުގެ ބައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވީ ސަރުކާރުން އާޓްސް އާއި ކަލްޗާއަށް މިނިސްޓްރީއެއް އުފެއްދީ ދިވެހި ބަހާއި ތާރީހާއި ސަގާފަތް އިތުރަށް ތަރައްގީކޮށް އެ ދާއިރާއިން ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މުސްތަގުބަލުގައި ކަންކަން ފަހިވެގެން ދާނެ. މި ދާއިރާ ކުރިއަރައިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ވާހަކަ ދެއްކުމުގެ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.