ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ހުޅުވައިފިއެވެ.
މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފުލާއެއްގައި ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކޮށްފައިވާ ޖުމްލަ 44 ކުރެހުން ހިމެނޭ ކަމަށެވެ.
އޭގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕާމަނަންޓް ކަލެކްޝަންގައި މައުރަޒުކޮށްފައިވާ ކަމަށެވެ. އަދި ގައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި ބޭރުގެ ބައެއް ގައުމުތަކާއި ރާއްޖޭގައި އެކި ދުވަސްވަރު ހިދުމަތްކުރެއްވި އެކި ގައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ފުންނާބުއުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކޮށް ދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތެއް ކުރަމުން ކަމަށެވެ.
ދެހާސް ފަސްވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީ ހުޅުވި ދުވަހުން ފެށިގެން އެ ތަނުގައި ޕާމަނަންޓް ކަލެކްޝަނެއް ގާއިމް ކުރުމުގެ ސިޔާސަތެއް އޮތް ނަމަވެސް، މިއަދާ ހަމައަށް ޕާމަނަންޓް ކަލެކްޝަނެއް ގާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއާ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިޔަށްދިޔަ ކުރެހުމުގެ ހަރަކާތްތައް ބައްލަވާލައްވައިފައެވެ.